ކޮވިޑް-19ގެ ބަލިމަޑުކަމަކީ މާބޮޑު ނުރައްކާތެރި ބަލިމަޑުކަމެއް ނޫންކަން ދޭހަވާ ގޮތައް ފޭސްބުކުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕް ކުރެއްވި ޕޯސްޓް ފޭސްބުކުން ފޮހެލައިފިއެވެ.
ކޮވިޑް-19 އަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ޓުރަމްޕް ހޮސްޕިޓަލުން ދޫކޮށްލުމުން ވައިޓުހައުސް އަށް ވަޑައިގެން މާގިނަ އިރުތަކެއް ނުވެ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ، މާބޮޑު ނުރައްކާތެރިކަމެއްނެއް ކޮވިޑް-19 އާއެކު ދިރިއުޅެން އެމެރިކާ ރައްޔިތުން ދަސްކުރަމުން އަންނަ ފަދައިން "ފުލޫ" ސީޒަންއާއެކު ދިރިއުޅެންވެސް އެމެރިކާ ރައްޔިތުން ދަސްކޮށްފައިވާ ކަމަށެވެ.
މި ޕޯސްޓާއި ގުޅިގެން ފޭސްބުކުގެ ޕޮލިސީ ކޮމިއުނިކޭޝަން މެނޭޖަރ އެންޑީ ސުޓޯން ވިދާޅުވެފައިވަނީ، ކޮވިޑް-19 އާއި ގުޅޭގޮތުން ފަތުރާ ދޮގުމައުލޫމާތުތައް ފޭސްބުކުން ފޮހެލާ ކަމަށާއި މިގޮތުގެ މަތިން ޓުރަމްޕް ކުރެއްވި ޕޯސްޓުވެސް ފޮހެލައިފައިވާ ކަމަށެވެ.
ޓުރަމްޕްވަނީ ފޭސްބުކުގައި ކުރެއްވި ޕޯސްޓް ޓުވިޓާގައި ޓުވީޓުވެސް ކުރައްވައިފައެވެ. ޓުވިޓާއިންވެސްވަނީ އެ ޓުވީޓަށް ފިޔަވަޅު އަޅައިފައެވެ. މިގޮތުން ޓުވިޓާއިންވަނީ ދޮގުމައުލޫމާތު ކަން ފެއްނަގޮތައް އެ ޓުވީޓް "ހައިޑް" ކޮއްފައެވެ.
މީސްމީޑިއާގެ އެންމެ ބޮޑު ދެ ވެބްސައިޓުން ޓުރަމްޕުގެ ވާހަކަފުޅަށް މިގޮތައް އަމަލުކުރުމުން ޓުރަމްޕްވަނީ މީސްމީޑިއާތަކުން އެ މީޑިއާތައް ބޭނުންކުރާ ފަރާތްތައް ހާމަކުރާ ހިޔާލައް ޒިންމާވާން ނުޖެހޭގޮތައް އޮންނަ ގާނޫނު އުވާލުމަށް ގޮވާލައިފައެވެ.
އެމެެރިކާ އިން މިހާތަނަށް ކޮވިޑް-19 އަށް 7.6 މިލިއަން މީހުން ޕޮޒިޓިވްވެ 215،000 މީހުންވަނީ މަރުވެފަ އެވެ.




