ނޫސްވެރިން ހިމާޔަތްކޮށް، މިނިވަންކަން ހަނި ނުވާނެހެން އަބުރުގެ ބިލް ފަރުމާކުރުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ގޮވާލައިފި އެވެ.
ނޫސްވެރިން ހިމާޔަތްކޮށް، މިނިވަންކަން ހަނި ނުވާނެހެން އަބުރުގެ ބިލް ފަރުމާކުރުމަށް ގޮވާލާފައިވަނީ ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވެސް ޖާނަލިސްޓް އެސޯސިއޭޝަން، އިން ނެރުނު ނޫސްބަޔާނެއްގައެވެ.
ރައްޔިތުން މަޖިލިހުގެ މިއަހަރުގެ ތިން ވަނަ ދައުރަށް ދައުލަތުގެ އެޓާނީ ޖެނެރަލްގެ އޮފީހުން ހުށަހަޅަން ނިންމާފައިވާ "އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލް"އާ ގުޅޭ ގޮތުން ނޫސްވެރިންނާއި މީޑިއާތަކުގެ ވަރަށް ގިނަ ކަންބޮޑުވުންތަކެއް މި ޖަމިއްޔާއަށް ވަނީ ލިބިފައިވާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
އަބުރާ ބެހުމުގެ ކުށަކީ މިހާރުވެސް އޮންނަ ގޮތަށް މަދަނީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައި ބާއްވަން ޖެހޭ ކަމެއް ކަމަށާއި ސަރުކާރުގެ އިދާރާތަކާއި ނޫސްވެރިންގެ ޖަމިއްޔާއާއި ދެމެދު މިހާތަނަށް މިމައްސަލާގައި ކުރެވުނު ކުރު މަޝްވަރާތަކުގައި، "އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލް" ގައި ނޫސްވެރިކަމަށް ހުރަސް އެޅޭ ފަދަ އެއްވެސް ކަމެއް ނުހިމެނޭނެ ކަމުގެ ޔަގީންކަން ދީފައިވާކަމަށްވެސް އެބަޔާނުގައި ވަނީ ބުނެފައެވެ.
މިބިލުގެ ޑްރާފްޓިންގް މަރުހަލާގައި ނޫސްވެރިންގެ ހިޔާލު ހޯދާނެ ކަމުގެ ޔަގީންކަން ލިބިފައިވާކަމަށާއި އަބުރާ ބެހުން ޖިނާއީ ކުށަކަށް ހުދުމަކީ އޭގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ އިންތައް ހަނިކުރެވި، އޭގެ އެންމެ ރަނގަޅު ގޮތުގައި، މުޖުތަމައުގެ ލާބަޔަށް އެ ހައްގުތައް ބޭނުން ކުރަން ނޫސްވެރިންނާއި އާންމުން ފަސްޖެހި އަދި އެ ހައްގުތައް ހެޔޮ ގޮތުގައި ބޭނުން ކުރާ ފަރާތްތަކުގެ އަނގަ ބަންދުކުރުމަށް ބާރުވެރި ފަރާތްތަކަށް ހުޅުވައިދެވޭ ދޮރެއް ކަމަށް ނޫސްވެރިންގެ ޖަމިއްޔާއިން ގަބޫލު ކުރާކަމަށްވެސް އެބަޔާނުގައި ވަނީ ބުނެފައެވެ.
ނޫސްވެރިކަމާ ގުޅުންހުރި ކަންކަން ރެގިއުލޭޓްކުރުމުގައި، ސަރުކާރަށް ނުފޫޒު ފޯރުވޭ ދައުރެއް، ނުވަތަ ޖިނާއީ ދައުރެއް އޮތުމަކީ، ފާޑުކިޔުން ގިނަ، މިނިވަން އަދި ތަހުގީގެ ނޫސްވެރިކަމެއް ކުރުމަށް އޮތް ޖާގަ ހަނިވެގެންދާނެ ކަމެއް ކަމަށާއި އަބުރާ ބެހުން ޖިނާއީ ކުށަކަށް ހެދުމަކީ އެ ޖަމިއްޔާއިން އަބަދުވެސް ދެކޮޅު ހަދާނެ، އަދި އެކަމާ ދެކޮޅަށް ވަކާލާތު ކުރާނެ ކަމެއް ކަމަށްވެސް ނޫސްބަޔާނުގައި ފާހަގަ ކުރައްވާފައި ވެއެވެ.
"އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލް" ގައި ވެސް، މިހާރު އޮތް ގޮތަށް، އަބުރާ ބެހުމަކީ މަދަނީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައި ބޭއްވުމަށާއި ނޫސްވެރިކަމުގެ މިނިވަންކަން ހަނިވާނެ ފަދަ އެއްވެސް ކަމެއް މިބިލުގައި ނުހިމެނުމަށް، ދިވެހި ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް ވަނީ ގޮވާލައްވާފައެވެ.
އަބުރާ ބެހުމުން ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދެވޭ އަދަދެއް ގާނޫނުގައި ހިމެނިގެންދާއިރު، އެ އަދަދު ކަނޑައެޅުމުގައި އާންމު މުޖުތަމައުގެ މާލީ ފުދުންތެރި ކަން ހުރި ނިސްބަތަށް ރިއާޔަތްކުރުމަށާއި ވަކިވަކި ނޫސްވެރިން ވީހާވެސް ބޮޑަކަށް ހިމާޔަތްވާނެ ގޮތަކަށް މި ބިލު އެކުލަވާލުމަށްވެސް ވަނީ ގޮވާލައްވާފައެވެ.




