ފިޔަވަތި / ފޮޓޯ:ޕީއެސްއެމް

ފިޔަވަތިން މުވައްޒަފުންތަކަކާއި ކުޑަކުދިންތަކެއް ޕޮޒިޓިވްވެއްޖެ

ހުޅުމާލޭގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓަމުން އަންނަ ފިޔަވަތިން މުވައްޒަފުންތަކަކާއި ކުޑަކުދިންތަކެއް ކޮވިޑް-19 އަށް  ޕޮޒިޓިވްވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގް ވިދާޅުވީ، އެންމެ ފުރަތަމަ މިދިޔަ މަހުގެ 30 ވަނަ ދުވަހު ފިޔަވަތީގައި ކުޑަކުދިން ބެލެހެއްޓުމުގައި މަސައްކަތް ކުރާ ފަރާތެއް ބަލީގެ އަލާމާތްތަކެއް ހުރުމާ ގުޅިގެން ސާމްޕަލް ނެގި ޓެސްޓު ކުރެވުނު ކަމަށާއި އޭނާ ނަތީޖާ މި މަހުގެ އެއްވަނަ ދުވަހު ލިބުނުއިރު ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އަދި މި ކޭސްއާ ގުޅިގެން ކޮންޓެެކްޓް ޓްރޭސިންގެ ތެރެއިން 54 ކޮންޓެކްޓެއް ދެނެގަނެވި، ކަރަންޓީނު ކުރެވުނު ކަމަށާއި އޭގެތެރެއިން 19 ސާމްޕަލެއް ނެގުނު ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ. މި ސާމްޕަލްތަކުގެ ތެރެއިން މި މަހުގެ ހަތަރުވަނަ ދުވަހު ކުޑަކުދިން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ފަރާތަކާއި އަދި އެއް ކުއްޖަކު ޕޮޒިޓިވް ވެފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

މީގެއިތުރުން އެތަނުން ރެންޑަމް ސާމްޕަލްތަކާއި، ކަރަންޓީނުގައި ތިބި ކުޑަކުދިންގެ ސާމްޕަލްތަކެއް ވެސް ނެގި ކަމަށާއި އެގޮތުން ކަރަންޓީނުގައި ތިބި ކުދިންގެ ތެރެއިން ހަތް ކުއްޖަކާއި އަދި ކުޑަކުދިން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ތިން ފަރާތެއް އިއްޔެ ބައްޔަށް ޕޮޒިޓިވް ވެފައި ކަމަށް ނަޒްލާ ވިދާޅުވިއެވެ. އަދި މިއަދު ވެސް ކުދިން ބެލެހެއްޓުމުގެ ކަންކަން ކުރާ މުވައްޒަފެއް ޕޮޒިޓިވް ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފިޔަވަތިން ކުދިން ފައްސިވުމާއި ގުޅިގެން، އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް އަޅާފައިވާ ކަމަށާއި މިހާރު އެތަނުގެ ހާލަތު ރަނގަޅުކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ