ފޮޓޯ: ވަގުތު

ފިޔަވަތީގައި ކަރަންޓީނު ކޮށްފައި ތިބި 26 ކުދިން އިތުރު ތަނަކަށް ބަދަލުކުރަނީ

ކަރަންޓީން ކުރެވުނު ފަންގިފިލާގައި ހިމެނޭ 26 ކުދިން ކެއަރވޯކަރުންނާއި އެކު އިތުރު ތަނަކަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ސާވިސްއިން ބުނެފިއެވެ.

ހުޅުމާލޭގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓަމުން އަންނަ ފިޔަވަތިން މުވައްޒަފުންތަކަކާއި ކުޑަކުދިންތަކެއް ކޮވިޑް-19 އަށް  ޕޮޒިޓިވްވެފައެވެ.

މިކަމާއި ގުޅިގެން ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ސާވިސްއިން ނެރުނު ނޫސްބަޔާބެއްގައި ބުނެފައި ވަނީ، 30 ސެޕްޓެމްބަރ 2020 ވަނަ ދުވަހު މި ސަރވިސްގެ ފިޔަވަތީގައި މަސައްކަތްކުރައްވަމުން ގެންދަވާ މުވައްޒަފެއް، ރޯގާގެ އަލާމާތްތައް ހުރުމާއި ގުޅިގެން ފްލޫ ކްލިނިކްއަށް ދައްކާ ޓެސްޓްކުރުމުން ވަނީ ކޮވިޑް 19 އަށް ފައްސިވެފައިވާ ކަމަށާއި މި ފަރާތަކީ 10 އަހަރާއި 13 އަހަރުގެ ފިރިހެން ކުދިން ބަހައްޓާފައިވާ ފަންގިފިލާގައި މަސައްކަތްކުރައްވަމުން ގެންދެވި މުވައްޒަފެއްކަމުން އެ ފަންގިފިލާގެ ކުދިންވަނީ ކަރަންޓީން ކުރެވިފައި ކަމަށައި އަދި މި ކުދިންގެ ޓެސްޓް ކުރެވި އިތުރު 8 ކުދިން ވަނީ ފައްސިވެފައިކަމަށެވެ.

މި ފައްސިވި ކުދިންގެ ތެރޭގައި ރިސްކް ކެޓަގަރީގައި ހިމެނޭ ކުއްޖެއްވުމުން، މި ކުއްޖާ ކެއަރވޯކަރާއިއެކު ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ބަދަލުކޮށްފައި ކަމަށާއި އަދި ކުއްޖާގެ ޙާލަތު މޮނިޓަރކުރެވި އެދެވޭ ފަރުވާ ދެމުންދާކަމާއި ހާލު ރަނގަޅުކަމަށް ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ސާވިސްއިން ބުނެފައި ވެއެވެ.

ހަމަ މިއާއި އެކު ފައްސިވި އެހެނިހެން ކުދިންވަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އަދި ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރގެ އިރުޝާދުގެ ދަށުން ފެސިލިޓީއަކަށް ބަދަލުކުރެވިފައި ކަމަށާއި އަދި މިކުދިންގެ ޙާލުވެސް ރަނގަޅުކަން މި ނޫސްބަޔާނުގައި ބުނެފައިވެއެވެ.

މި ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ، ފިޔަވަތި އަކީ ގިނަ ކުދިން އެތަނެއްގައި ތިބޭ ޖާގައިގެ ދަތިކަން ހުރިތަނެއް ކަމުގައިވުމުން، އެޗް.ޕީ.އޭ އަދި އެޗް.އޯ.އީ.ސީ އިން ވަނީ ކުދިންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށް މި ސަރވިސްއަށް އިރުޝާދު ދެއްވާފައި ކަމަށާއި އަދި މި އިރުޝާދުގެ ދަށުން މި ސަރވިސްއިން ވަނީ ކަމާއި ގުޅުން ހުރި އިދާރާތަކާއި މޮނިޓަރކުރުމުގެ ޒިންމާ އަދާކުރާ ފަރާތްތަކަށް އެންގުމަށްފަހު، ކަރަންޓީން ކުރެވުނު ފަންގިފިލާގައި ހިމެނޭ 26 ކުދިން ކެއަރވޯކަރުންނާއި އެކު އިތުރު ތަނަކަށް ބަދަލުކުރުމަށް ނިންމާފައި ކަމަށެވެ.

އަދި މިތަނަކީ 3 ފަންގިފިލާއަށް ހުރި 12 ކޮޓަރި ހިމެނޭ ތަނަކަށް ވެފައި، ކުދިންނަށް ބޭނުންވާ ރައްކާތެރިކަން ލިބޭނެކަން މި ސަރވިސްއިން ޔަޤީންކޮށްއަރުވާ ކަމަށާއި އަދި ކުދިންގެ ތަޢުލީމީކަންކަން ވެސް މި ތަނުގައި ކަށަވަރުކުރެވޭނެކަމަށް ވެސް ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ