ށ. ފޯކައިދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހަކު ކޮވިޑްއަށް ޕޮޒިޓިވްވެއްޖެއެވެ.
ފޯކައިދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރާޝިދު މި ނޫހަށް މައުލުމާތު ދެއްވަމުން ވިދާޅުވީ، ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ އެރަށު ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފިރިހެން ފުލުހެއް ކަމަށެވެ.
ފޯކައިދޫން މިއަދު ކޮވިޑްއަށް ޕޮޒިޓިވްވެފައިވަނީ ޕޮލިސް ކޭސް އާއި ގުޅުންހުރި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި އެކަހެރިކޮށް ނެގި 6 ސާމްޕަލްގެ ތެރެއިން 1 ސާމްޕަލެކެވެ.
ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހަކު މިމަހުގެ 5 ވަނަ ދުވަހު ކޮވިޑްއަށް ޕޮޒިޓިވް ވެފައިވާއިރު، އެކޭސް އާއި ގުޅިގެން ކުރިއަށްގެންދިޔަ ކޮންޓެކްޓް ޓްރޭސިންގައި ތިލަދުންމަތީގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ފުލުހުން ވަނީ އެކަހެރިކޮށްފައެވެ.
އަދި އޭނާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ކުޅުދުއްފުށިން ނެގި 10 ސާމްޕަލްގެ ތެރެއިން 2 ސާމްޕަލް ޕޮޒިޓިވް ވެފައިވާއިރު، އެއީވެސް ދެ ފުލުހުންނެވެ.
ކޮންޓްރެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ނިމިފައިވާއިރު ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު 150 މީހަކު އެކަހެރިކޮށްފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 84 ފުލުހަކާއި އާންމުގެ ތެރެއިން 66 މީހެކެވެ.



