ނެތިދާނެކަމުގެ ބިރު ހީވެފައިވާ ކަނޑޫގެ ބާވަތެއް ރާއްޖޭން ފެނިއްޖެ

ދުނިޔޭގައި ވަރަށް މަދު، އަދި ނެތިގެން ހިނގައިދާނެކަމުގެ ބިރު ހީވެފައިވާ ކަނޑޫގަހުގެ ބާވަތެއް ރާއްޖެއިން ފެނިއްޖެއެވެ.

މިކަން ހާމަކުރައްވައި އެންވަޔަރްމަންޓް މިނިސްޓްރީން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "ބުރުގެރިއާ ހެނެސީ" ގަސް ފެނުނީ ތިލަދުންމަތީ ހއ. ކެލާގެ ކުޅިން، މިދިޔަ މާޗު މަހު ހިންގި އިކޮލޮޖިކަލް ސާވޭގެ ތެރެއިން ކަމަށެވެ. އަދި އެ ބާވަތުގެ ހަތަރު ގަހެއް ފެނިފައިވާ ކަމަށްވެސް އެންވަޔަރްމަންޓް މިނިސްޓްރީން ވިދާޅުވިއެވެ.

އެންވަޔަރްމަންޓް މިނިސްޓްރީން ހާމަކުރިގޮތުގައި އެ ބާވަތުގެ ގަހެއްކަން ފާހަގަކޮށްދިނީ އައިޔޫސީއެން މެންގްރޫވް ސްޕެޝަލިސްޓް ގްރޫޕް އަދި އެމްއެސްޖީ ރެޑް ލިސްޓް ކޯޑިނޭޓާ ޑރ. ޔޮން އެވެ.

ހެނެސީ ގަހަކީ ކަނޑޫފަލަށް ނިސްބަތްވާ ގަސްތަކުގެ ތެރެއިން ނެތިދާނެކަމުގެ ބިރު ހީވެފައިވާ ދެ ބާވަތުގެ ތެރެއިން އެއް ބާވަތެވެ. އެއީ އައިޔޫސީއެން ރެޑް ލިސްޓުގައި، ނެތިދާނެ ކަމުގެ ބިރު އެންމެ ބޮޑަށް ހީވެފައިވާ ކެޓަގަރީ ލިސްޓުގައި ހިމެނޭ ބާވަތެއް ކަމަށްވެސް އެންވަޔަރްމަންޓް މިނިސްޓްރީން ވިދާޅުވިއެވެ.

މިބާވަތް މިހާތަނަށް ކެލާއިން ރެކޯޑް ކުރެވިފައިވީނަމަވެސް ރާއްޖޭގެ އެހެން ކުޅިފާތަކުންވެސް ފެނުން އެކަށީގެންވާ ކަމުގައިވެސް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. މިބާވަތުގެ ގަހަށް ކިޔާނެ ދިވެހި ނަމެއް ހޯދުމަށް މިމިނިސްޓްރީ އާއި ކަމާއި ގުޅޭ ފަރާތްތަކާއެކު މިހާރު މިދަނީ މަޝްވަރާ ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ