ގުރައިދޫ ގެއެއްގައި އަލިފާން ރޯވެއްޖެ

ތ. ގުރައިދޫ ގެއެއްގައި އަލިފާން ރޯވެއްޖެއެވެ.

ގުރައިދޫ ކައުންސިލްގެ ނައިބު ރައީސް ތަޤުފީޤު ޢަލީ މިނޫހަށް މަޢޫލޫމާތު ދެއްވަމުން ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މިއަދު ހުކުރު ވަގުތުގައި ކަމަށާއި، އަލިފާން ރޯވެފައި ވަނީ މީހުން ދިރިއުޅޭ ގެއެއްގައި ކަމަށެވެ.

"މިއަދު މެންދުރު 12 ޖަހަން އުޅެނިކޮށް އަލިފާން ރޯވީ" ތަޢުފީޤު ޢަލީ ވިދާޅުވިއެވެ.

އަލިފާން ރޯވުމާއެކު ފުލުހުންނާއި ރަށުގެ އާންމު ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން އަލިފާން ގަނޑު މިހާރު ވަނީ ކޮންޓްރޯލް ކޮށްފައެވެ. ނަމަވެސް އެގޭގައި ހުރި ހުރިހާ ސާމާނެއް ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައި ކަމަށް ތަޢުފީޤު ވަނީ ވިދާޅުވެފައެވެ.

އަލިފާން ރޯވި ގޭގައި ދިރިއުޅެމުންދަނީ އަންހެނަކާއި ކުޑަކުއްޖެއް ކަމަށާއި، މިހާދިސާގެ ސަބަބުން ގެއަށް ބޮޑެތި ގެއްލުންތަކެއް ލިބި ހުރިހާ ސާމާނެއް އަނދާފައި ވުމުން އެމީހުންނަށް އެހެން ތަކެއްގައި ބޯހިޔާވަހިކަން ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި ތަޢުފީޤު ވިދާޅުވިއެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއްނުވެއެވެ. މިހާދިސާއާއި ގުޅިގެން އެމްއެންޑީއެފްގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ސޯޝަލްމީޑިއާގައި ދަޢުރުވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ރޯވެފައިވާ ގެއިން ވަރަށް ގިނަ ދުން އަރަމުންދިޔައެވެ. އަދި ފުރާޅު މަތިން އަލިފާންގަނޑުވެސް ފެންނަން ހުރެއެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ