ޝަރުއީ ދާއިރާ މިހާރު ވަރަށް މިނިވަން: މޫސާ ސިރާޖު

ޝަރުއީ ދާއިރާ މިހާރު ވަރަށް މިނިވަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވެއްޖެ އެވެ.

ރޭ ރާއްޖެ ޓީވީން ގެނަސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މައްސޫރު ޤާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވީ ޝަރުއީ ދާއިރާ ވަރަށް މިނިވަންކަމާއިއެކު މަސައްކަތް ކުރަމުންދާތަން މިހާރު ފެންނަކަމީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. ވޭތުވެދިޔަ 7 އަހަރު ދުވަހަކީ ވަރަށް ބޮޑު ބޭއިންސާފެއް ކުރިމަތިވި ދުވަސްވަރެއް ކަމަށް ސިރާޖު ވަނީ ފާހަގަ ކުރައްވާފައެވެ.

"އެންމެ ބޮޑަށް ފާހަގަ ކުރެވޭ އެއްކަމަކީ އަޅުގަނޑުމެންނަށް ފަހުން މި އައްޔަން ކުރެވުނު ސްޕްރީމް ކޯޓު ހަމަ އާދިޔާ ހިލާފަށް ރަނގަޅުކަން ފާހަގަ ކުރަން ކެރޭނެ. އަޅުގަނޑަށް އެހެން ބުނަން ކެރިދާނެ" ސިރާޖު ވިދާޅުވިއެވެ.

މީގެ ކުރިން ފެނިފައިވަނީ ޝަރީއަތްތައް ވަރަށް ބޮޑަށް ސިއްރުން، މީހަކަށް އަޑު ނީވޭގޮތަށް ވަރަށް ވަގަށް ގެންގޮސްފައިވާތަން ކަމަށާއި ނަމަވެސް މިހާރު ސްޕްރީމް ކޯޓުން ހުރިހާ ޝަރީޢަތްތަކެއް ލައިވް ކުރާކަމަށް ސިރާޖު ވިދާޅުވިއެވެ. އެގޮތުން މި ޒަމާނަށް ފެތޭގޮތަށް ޓްވިޓަރ އަދި ޔޫޓިއުބް މެދުވެރިކޮށް، އާންމުންނަށް ފަސޭހައިން އަޑު އަހާލެވޭނެ ގޮތަށް ހުޅުވާލައިގެން މިހާރު ޝަރީއަތްތައް ކުރިޔަށް ގެންދާކަން ސިރާޖު ފާހަގަ ކުރެއްވިއެވެ.

ވޭތުވެދިޔަ މުޅި ތާރީޙަށް ބެލި ކަމުގައިވިޔަސް ސްޕްރީމް ކޯޓަކީ މައްސަލަ ނިންމާ ކޯޓެއް ނޫންކަމަށާއި ފެނިގެންދިޔައީ އާންމު އުޞޫލުން ސާރކިއުލަރ އެއް ނެރެލާ "ސޯމޯޓޯ" އެއް ހިންގާ ސްޕްރީމް ކޯޓެއް ކަމަށް ސިރާޖު ވިދާޅުވިއެވެ.

ސްޕްރީމް ކޯޓުގައި 8 އަހަރު ވެފައި ހުރި މައްސަލަތައްވެސް މިހާރު ސްޕްރީމް ކޯޓުން ނިންމަމުން އެބަދާ ކަމަށާއި މިހާރު މިދާ ރޭޓުން ދާކަމުގައި ވާނަމަ އަންނަ އަހަރުގެ މެދުތެރެއަށް ދާއިރު ސްޕްރީމް ކޯޓުގައި އެއް އަހަރަށްވުރެ ގިނަ ދުވަސްވީ މައްސަލައެއް ހުންނާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށްވެސް ސިރާޖު ވިދާޅުވިއެވެ. ސްޕްރީމް ކޯޓަށް ސެލިއުޓް ކުރާވަރަށް މަސައްކަތް އެބަ ކުރައްވާ ކަމަށް ސިރާޖު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ