މަސްތުވާތަކެއްޗާއި ދެކޮޅަށް އައްޑޫ ސިޓީގައި ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި ޙައްޔަރުކުރި މީހުންގެ ތެރެއިން 8 މީހަކު ބަންދުން ދޫކޮށްލައިފިއެވެ.
ފުލުހުން ވިދާޅުވީ، އެ 8 މީހުން ދޫކޮށްލެވިފައިވަނީ ތަޙުޤީޤަށް އިތުރަށް ބަންދުގައި ބައިތިއްބަށް ނުފެންނާތީކަމަށެވެ.
މިހިނގާ އޮކްޓޯބަރު މަހުގެ 01 ވަނަ ދުވަހުން ފެށިގެން އައްޑޫގައި ފުލުހުން ކުރިއަށް ގެންދާ މިއޮޕަރޭޝަންގައި މިހާތަނަށް 98.6 ކިލޯ (ވަގުތީ ބަރުދަން) މަސްތުވާތަކެތި ފެނިފައިވާއިރު، ފެނިފައިވާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި އެމް.ޑީ.އެމް.އޭ އާއި، އެމްފިޓަމިން އާއި ހެރޮއިން ހިމެނޭކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.
ފުލުހުން ވިދާޅުވީ، ސ.ހިތަދޫ / ފިނިފަރު، ޢަބްދުﷲ އިބްރާހީމް (33 އަހަރު) އިސްވެ ހުރެ ދިވެހިންގެ އިތުރު ބަޔަކާއި ބޭރުބަޔަކު ގުޅިގެން ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރަންއުޅޭ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓާއި ޑްރަގް އިންޓެލިޖެންސް އާއި މެރިން ޕޮލިސް އާއި ސައުތު ޕޮލިސް ޑިވިޜަންގައި ގާއިމްވެތިބޭ ސްޕެޝަލް އޮޕަރޭޝަންގެ ފުލުހުން އަދި ސައުތު ޕޮލިސް ޑިވިޜަން ގުޅިގެން އައްޑޫ ސިޓީގެ ކަނޑުގެ ސަރަހައްދުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު 14 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ.
އަދި މިމައްސަލާގައި ޙައްޔަރުކޮށްފައިވަނީ އުމުރުން 23 އަހަރާއި 40 އަހަރާ ދެމެދުގެ ދިވެހި ފިރިހެނުންކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އަދި މިއޮޕަރޭޝަންގައި، މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާކަމަށް މިހާތަނަށް ތަހުގީގަށް ފާހަގަކުރެވިފައިވާ ޢަބްދުﷲ އިބްރާހީމް އަކީ 2019 ޖުލައި 30 ވަނަދުވަހު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން މީގެކުރިން ހައްޔަރުކުރެވިފައިވާ މީހެއްކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.



