ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދުގެ ސަރުކާރާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދަރަނިތައް މި ސަރުކާރުން ދައްކަން ޖެހޭތީ ރައީސް ނަޝީދު ކަންބޮޑުވުން ފާލުކުރައްވައިފިއެވެ.
ރައީސް ނަޝީދު މިއަދި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދަރަނީގެ ނުރައްކަލަކީ ދަރަނި އަނބުރާ ދައްކަންޖެހޭއިރު އެވަރަށް އާމްދަނީ ނެތުން ކަމަށާއި 2012 އިން ފެށިގެން 2018 އާއި ދެމެދު ސަރުކާރުން ނަގާފައިވާ ގިނަ ދަރަނިތަކުގެ ގްރޭސް ޕީރިއަޑް ހަމަވެ ދައްކަން މިޖެހެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެ ސަރުކާރަށް ކަމަށެވެ.
"އަދި މިވަގުތު މިވަނީ ސަރުކާރުގެ އާމަދަނީ އެކީހެން ނެތިފައި. އެންމެ ގިނައިން ދައްކަން ޖެހޭނީ 2121 - 2023 އާއި ދެމެދު." ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، މިއަދުގެ ހާލަތައް ބަލައި އެންމެ ބުއްދިވެރި ގޮތަކީ 2012 އިން ފެށިގެން 2018 ގެ ދަރަނިތައް އިތުރު ޖޫރިމަނާއަކާ ނުލައި ބިނާ (ރިސްޓްރަކްޗަރ) ކުރުން ކަމަށެވެ.
ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯދަރު ބަންދުރަން ޖެހުމާއި ގުޅިގެން ރާއްޖެއަށް ލިބޭ އާމްދަނީގެ މިންވަރު ވަނީ ވަރަށް ބޮޑަށް ދައްވެފައެވެ. އަދި ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އެތަކެއް ހަރަދުތަކެއް ވެސް ކުރަން މަޖުބޫރު ވިއެވެ. މި ހާލަތުގައި ސަރުކާރުން ވަނީ ގިނަ ހަރަދުތަކެއް ކޮސް އަދި އެކި ގައުމުތަކުން ލޯން ވެސް ނަގާފައެވެ.




