އިންޑިއާގެ އެހީގައި އިހަވަންދޫގައި އެމެޖެންސީ މެޑިކަލް ޙިދުމަތްތައް ގާއިމްކުރަނީ

ހއ. އިހަވަންދޫގައި އެމެޖެންސީ މެޑިކަލް ޙިދުމަތްތައް ގާއިމްކުރަން ނިންމާފައިވާ ކަމަށާއި، އެކަމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާކަމަށް ދިވެހި ސަރުކާރުން ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ފޮރިންގ މިނިސްޓަރީން ވިދާޅުވީ، ހއ. އިހަވަންދޫގައި އެމެޖެންސީ މެޑިކަލް ޙިދުމަތްތައް ގާއިމްކުރުމަށް 7,469,465.89ރ (ހަތްމިލިއަން ހަތަރުލައްކަ ފަސްދޮޅަސްނުވަހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ އަށްޑިހަނުވަލާރި) ގެ ހިލޭ އެހީއެއް އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ދެއްވާފައިވާ ކަމަށެވެ.

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި އެމެޖެންސީ މެޑިކަލް ޙިދުމަތްތައް ގާއިމްކުރަން ނިންމާފައިވާ މަޝްރޫއަކީ ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށް އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށް ދެއްވާފައިވާ 100 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީގެ ތެރެއިން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި ހިލޭ އެހީ ރާއްޖެއަށް ދިނުމަށް އެއްބަސްވެފައިވަނީ މި އަހަރުގެ މާރިޗް މަހު 17 އިން 18 އަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާރނަލް އެފެއާޒް ހަރ އެކްސަލަންސީ ސްޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.

މިފަދަ އިމަޖެންސީ ފަރުވާ ދެވޭނެގޮތެއް ރާއްޖޭގެ އެކި ކަންކޮޅުގައި ގާއިމުކުރުމުގެ މަޤްޞަދަކީ ކުއްލި ހާލަތުގައި ނުވަތަ ފުރާނައަށް ގެއްލުންވާ ހާލަތްތަކުުގައާއި ބަލިތަކުގައާއި އަވަސް ފަރުވާ ބޭނުންވާ ހާލަތްތަކުގައި އެފަދަ ފަރުވާ ލިބޭނެ މަގުފަހިކޮށްދިނުމެވެ. މި މަޝްރޫގެ ދަށުން، ހއ. އިހަވަންދޫގެ ހެލްތު ސެންޓަރުގައި އިމަޖެންސީ މެޑިކަލް ޚިދުމަތް ދިނުމަށް ބޭނުންވާ ތަނެއް ތައްޔާރުކޮށް، އެތަނަށް ބޭނުންވާ ތަކެތި ހޯދާނެއެވެ.

އިހަވަންދޫގައި އެމެޖެންސީ މެޑިކަލް ޙިދުމަތްތައް ގާއިމްކުރުމުގެ އިތުރުން އއ. އުކުޅަހުގައި ބައިނަލްއަޤްވާމީ ފެންވަރުގެ ކޮންވެންޝަން ސެންޓަރެއް ތަރައްޤީ ކުރުމާއި ދ.ވާނީގައި ހުންނަ ފުލުހުން ތަމްރީނު ކުރުމަށް ޚާއްސަކޮށްފައިވާ ޓްރެއިނިންގ ސްކޫލް ތަރައްޤީ ކުރުމަށްވެސް އިންޑިއާއިން ވަނީ 7 މިލިއަން ރުފިޔާގެ އެހީއެއް ދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް