ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުއިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް މިއަދު އެކަނިވެސް ލައްކައަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވެއްޖެއެވެ.
ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުން 119,114 މީހުންނަށް ބަލިޖެހިފައިވާއިރު، މިހާތަނަށް ދުނިޔޭގެ އެކިޤައުމުތަކުން ބަލިން ރަނގަޅުވި ކަމަށް ރެކޯޑް ކުރެވިފައިވަނީ، 27,952,416 މީހުންނެވެ.
ކޮވިޑް-19 އިން ގިނަ އަދަދެއްގެ ބަޔަކު ރަނގަޅުވީ ނަމަވެސް، މި ބަލި ޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. ދުނިޔެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 35,965,259 އަށް އަރާފައެވެ. އެހެންކަމުން ދުނިޔެއަށް މި ބަލިމަޑުކަމުގެ ނުރައްކާ އަދިވެސް އިންތިހާއަށް ބޮޑެވެ.
ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، މިވަގުތު ދުނިޔޭގައި ކޮވިޑަށް ފަރުވާދެމުން ދަނީ 8,202,376 މީހަކަށެވެ. މީގެ ތެރެއިން 68,553 އަށްވުރެ ގިނަ މީހުންގެ ހާލު ސީރިއަސް ކަމަށް އިދާރާތަކުން ބުނެއެވެ.
މިހާތަނަށް ދުނިޔޭގެ 214 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައި ވެއެވެ. މި ބަލީގެ ނުރައްކާ ދުވަހެއް ދުވަހަކަށް ބޮޑުވެ، ބަލި ފެތުރޭ މިންވަރު އިތުރުވަމުން އަންނައިރު އަދި މި ބައްޔަށް ފަރުވާ ކުރެވޭނެ ކާމިޔާބު ބޭހެއް ނުވަތަ ވެކްސިނެއް ބޭނުންކުރެވެން ފެށިފައެއް ނުވެއެވެ.



