ކުޑަކުދިން ބަލަހައްޓަން ހުޅުމާލޭގައި ހަދާފައި ހުންނަ "ފިޔަވަތި" ގެ އިތުރު ދެމުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވާކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި އެޗްއީއޯސީގެ ފަރާތުން ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވިދާޅުވީ، ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި ޖުމްލަ 23 ފަރާތެއްވަނީ ޕޮޒިޓިވުވެފައި ކަމަށެވެ.
"ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި ޖުމްލަ 23 ފަރާތެއްވަނީ ޕޮޒިޓިވުވެފައި، އެއީ 11 ކުދިންނާއި، 11 ކެއާވޯކާސް އާއި އެއް ސީނިއާ ސްޓާފެއް އަދި މިއަދު އިތުރު ދެމީހަކުވަނީ ޕޮޒިޓިވުވެފައި" ޑރ. ނަޒްލާ ވިދާޅުވިއެވެ.
މިދިޔަ ބުރާސްފަތިދުވަހުގެ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާވަނި ފިޔަވަތީގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވާކަން ހާމަކޮށްފައެވެ. މިގޮތުން ޑރ. ނަޒްލާ ވިދާޅުވީ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވަނީ މިދިޔަމަހުގެ 30 ވަނަ ދުވަހު ކަމަށެވެ.
"54 ކޮންޓެކްޓެއް ދެނެގަނެވި ވަނީ ކަރަންޓީން ކުރެވިފައި. އަދި 19 ސާމްޕަލްއެއް ވަނީ ނެގިފައި އޭގެ ތެރެއިން 1 ކެއާޓޭކަރ އަދި 1 ކުއްޖެއް ޕޮޒިޓިވް. 5 އޮކްޓޯބަރުގައި ރެންޑޮމް ސާމްޕްލިން ވެސް ނެގި. އިތުރު 7 ކުއްޖެއް އަދި 3 ކެއާޓޭކާއެއް ޕޮޒިޓިވްކަން ވަނީ އެނގިފައި. އަދި މިއަދު އެކަކު ޕޮޒިޓިވްކަން އެނގުނު." ޑރ.ނަޒްލާ ވިދާޅުވިއެވެ.
އެމީހާއާއި ކޮންޓެކްޓުވި ފަރާތްތައް ދެނެގަނެ ސާމްޕަލް ނެގިފައިވާކަން ހާމަކުރައްވަމުން ޑރ. ނަޒްލާ އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވަނީ، 54 ކޮންޓެކްޓެއް ދެނެގަނެވި ކަރަންޓީން ކުރެވިފައިވާ ކަމަށެވެ. އަދި 19 ސާމްޕަލް ނަގައިފައިވާކަމަށްވަނީ ވިދާޅުވެފައެވެ.