ފަހުގެ ތާރީޙެއްގައި ނެޓްފިލްކްސް އިން ގެނެސްދިން އެންމެ މޮޅު ހޮރޯ ސީރީޒް “ދަ ހޯންޓިން އޮފް ހިލް ހައުސް” ގެ ކާމިޔާބީއަށްފަހު، އެ ސީރީޒްގެ ދެވަނަ ސީކުއަލް “ހޯންޓިން އޮފް ބްލައި މޭނަރ” ނެޓްފްލިކްސްގައި ރިލީޒްކޮށްފިއެވެ.
"ހޯންޓިން އޮފް ބްލައި މޭނަރ" މިދިޔަ ހުކުރު ދުވަހު ނެޓްފްލިކްސްއަށް އައިސްފައިވާއިރު، ފޭނުން އަންނަނީ ސީރީޒް ބެލާ ނިއްމުމަށްފަހު މީސްމީޑިއާގައި ޝުޢޫރުތައް ފާޅުކުރަމުންނެވެ.
މިފަހަރުގެ ސީކުއަލްގައި 1980ގައި ހިނގާ ހާދިސާއެއް ކިޔައިދޭއިރު، އެމެރިކާގެ ލިޔުންތެރިޔާ ހެންރީ ޖޭމްސް 1898 ގައި "ދަ ޓާރން އޮފް ދަ ސްކްރޫ" ގެ ނަމުގައި ގެނެސްދިން ވާހަކައިގެ މައްޗަށް ބިނާކޮށް ހަދާފައިވާ “ހޯންޓިން އޮފް ބްލައި މޭނަރ" ގައި ހިމެނެނީ 9 އެޕިސޯޑެވެ.
ހޯންޓިން އޮފް ހިލް ހައުސްއަށް ވުރެ މި ފަހަރުގެ ސީކުއަލް މާ ބުރެވެރިވެފައި ޝައުގުވެރިވާނެކަމަށް މީގެ ކުރިންވެސް ޑައިރެކްޓަރ “މައިކް ފްލެނެގަން ބުނެފައިވާއިރު، މި ފަހަރުގެ ސީކުއަލްގައި ކިޔައިދީފައިވަނީ މުޅިން އާ ބިރުވެރި ވާހަކައެކެވެ.
"ބަލައި މޭނަރ" ގެ ކާސްޓުންނަށް ބަލާއިރު، ސީރީޒްގެ މުހިއްމު ތަރިންގެ ތެރޭގައި ހިމެނެނީ، "ހިލް ހައުސް" އިންވެސް ފެނިގެންދިޔަ ތަރިންނެވެ. ނަމަވެސް އާ ތަރިންވެސް މިފަހަރުގެ ސީކުއަަލްއިން ފެނިގެންގޮސްފައިވެއެވެ.
"ދަ ހޯންޓިންގް އޮފް ހިލް ހައުސް" އަކީ އާއްމުކޮށް ފެނިފައިވާ ބިރުވެރި ފިލްމްތައް އަދި ސީރީޒްތަކާއި ހިލާފަށް އާދަޔާ ޚިލާފު ސަސްޕެންސް ވާހަކައެއް ގެނެސްދިން ސީރީޒެކެވެ. އެގޮތުން "ދަ ހޯންޓިން އޮފް ބްލައި މެނާރ" އިންވެސް ހިތްއަވަސްކޮށްލާފަދަ ބިރުވެރި މަންޒަރުތަކެއް ދައްކުވައިދީފައިވާއިރު، ފުރަތަމަ ބަޔަށްވުރެ މިފަހަރުގެ ބައިގައި މާބޮޑަށްވެސް ސަސްޕެންސް އެކުލެވެއެވެ.



