ބުންޑެސްލީގާގައި ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޕޮލެންޑްގެ ފޯވާޑު ރޮބާޓް ލެވެންޑޯސްކީ އިޓާލިއަން ސެރީއާގައި ކުޅޭތަށް ދެކެން ބޭނުންވާކަމަށް އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނެފިއެވެ.
ޔޫއެފާ ނޭޝަންސް ލީގުގައި ޕޮލެންޑާއި އިޓަލީ ބައްދަލުކުރާ މެޗުގެ ޕްރިމެޗް ކޮންފަރެންސްގައި ވާހަކަ ދައްކަމުން މަންޗިނީ ބުނީ، ލެވެންޑޯސްކީއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ސެންޓަރ ފޯވާޑުންގެ ތެރެއިން ފޯވާޑެއްކަމަށާއި، އެމަޤާމުގައި ލެވެންޑޯސްކީ ހުންނަތާ އަހަރުތަކެއް ވެފައިވާއިރު، އެފަދަ މޮޅު ކުޅުންތެރިޔަކު އިޓާލިއަން ސެރިއާގައި ކުޅޭތައް ފެނިފައިނުވާތީ އެކަމާ ހިތާމަކުރާކަމަށެވެ.
މިދިޔަ ސީޒަންގައި ލެވެންޑޯސްކީގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ނިމިދިޔަ ސީޒަނުގައި ލެވަންޑޯސްކީވަނީ ބަޔާންއަށް ކުޅެދިން 47 މެޗުން 55 ގޯލް ކާމިޔާބު ކޮށްފައެވެ. އަދި ބަޔާން މިއުނިކު ޗެމްޕިއަންސް ލީގާއި، ބޮންޑެސް ލީގާއި، އަދި ޖަރުމަނު ކަޕް ހޯދިއިރު މުހިންމު ދައުރެއް ލެވަންޑޯސްކީވަނީ ޓީމުގައި އަދާކޮށްފައެވެ.
މީގެއިތުރުން މިތިން މުބާރާތުގައިވެސް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިޔަކީއަކީ ލެވެންޑޯސްކީކަންވެސް ފާހަގަކޮށްލެވެއެވެ. އަދި ޔޫއެފާއިން ހޮވާ ވިލާތުގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް މިދިޔަ ސީޒަންގައި ދެއްކި މޮޅުކުޅުމާއެކު ފުރަތަމަ ފަހަރަށް ލެވެންޑޯސްކީވަނީ ހޯދާފައެވެ.
މިރޭގެ މެޗާއި ބެހޭގޮތުން ވާހަކަ ދައްކަމުން މަންޗީނީ ބުނީ، ލެވެންޑޯސްކީ ފަދަ މޮޅު ފޯވާޑެއް ހުރި ޓީމަކާއި ދެކޮޅަށް ކުޅެން އުނދަގޫވާނެކަމަށާއި، ނަމަވެސް އޭނާ ހުއްޓުވާނެ ފެންވަރުގެ މޮޅެތި ޑިފެންޑަރުން އިޓަލީގައި އެބަހުރިކަމަށެވެ.
ޕޮލެންޑްގައި ކުޅުމަށް ހަމަޖެހިފައިވާ ލީގު އޭ ގެ ގްރޫޕް 1 ގެ ފޯރިގަދަ މިމެޗުު ފަށާނީ މިރޭ 11:45 ގައެވެ. ދެމެޗުން ލިބުނު 4 ޕޮއިންޓާއެކު އިޓަލީ އޮތީ ގްރޫޕްގެ އެއްވަނާގައެވެ.




