ދެވަނަ ފުރަބަންދަކަށް އިނގިރޭސިވިލާތުން ދާންޖެހިދާނެ: ސައިންޓިސްޓް

ކޮވިޑް-19ގެ ހާލަތާއި ގުޅިގެން އިނގިރިސިވިލާތުން ދެވަނަ ފުރަބަންދަކަށް ދާންޖެހިދާނެކަމަށް އެގައުމުގެ އިސް ސައިންޓިސްޓެއް ކަމަށްވާ ޕުރޮފެސަރ ޕީޓަރ ހޯރބީ ވިދާޅުވެއްޖެއެވެ.

ޕުރޮފެސަރ ހޯރބީ ވިދާޅުވީ، އިނގިރިސިވިލާތް އޮތީ ނާޒުކު ފައްތަރެއްގައި ކަމަށާއި ކޮވިޑް-19 އަށް ޕޮޒިޓިވުވާ މީހުންނާއި އަދި މިބަލީގައި ހޮސްޕިޓަލުތަކުގައި އެޑްމިޓްކުރާ މީހުން ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުން ކަމަށެވެ. މިކަން މިގޮތަށް ކުރިއަށްދާނަމަ ދެވަނަ ފުރަބަންދަކަށް ގައުމު ދާންޖެހިދާނެ ކަމަށެވެ.

ކޮވިޑް-19ގެ ހާލަތާއި ގުޅޭގޮތުން އިނގިރޭސިވިލާތުގެ ޑެޕިއުޓީ ޗީފް މެޑިކަލް އޮފިސަރވެސް ވިދާޅުވެފައިވަނީ، ކޮވިޑް-19ގައި އަދިވެސް ގިނަ އަދަދެއްގެ ބަޔަކު މަރުވާނެ ކަމަށް ބެލެވޭތީ އިޖުތިމާއީ ގައިދުރުކަން ބަހައްޓަން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ.

ބެލެވޭ ގޮތުގައި މާދަމާގެ ވަގުތެއްގައި އިނގިރޭސިވިލާތުގައި ކޮވިޑް-19 ކޮންޓުރޯލްކުރުމަށް އަޅާ އާ ފިޔަވަޅުތައް ބޮޑުވަޒީރު ބޮރިސް ޖޯންސަން އިއުލާން ކުރައްވާނެއެވެ.

އިނގިރޭސިވިލާތުން ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް އާފިޔަވަޅުތައް އެޅުމަށް ތައްޔާރުވަމުންދާއިރު އިދިކޮޅު ފަރާތްތަކުން އަންނަނީ މި ފިޔަވަޅުތަކަށް ދެކޮޅު ހަދަމުންނެވެ. މިގޮތުން ލޭބާރ ޕާޓީގެ އެމްޕީއިން މިހާރުވެސްވަނީ ސަރުކާރުން އަޅާ އާފިޔަވަޅުތަކަށް ތާއީދު ނުކުރާނެކަން ހާމަކޮށްފައެވެ.

އިނގިރޭސިވިލާތުގައި މިހާރު ދުވާލެއްގެ މައްޗަށް 600 އަށްވުރެ ގިނަ މީހުން އަންނަނީ ކޮވިޑް-19 އަށް ޕޮޒިޓިވުވަމުންނެވެ. އަދި 4،000 ވުރެ ގިނަ މީހުންނަށް އަންނަނީ ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން މިބައްޔަށް ފަރުވާދެމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ