އަފްގާނިސްތާނުގައި ހަރަކާތްތެރިވާ ނޭޓޯގެ ފައުޖުގައި ހިމެނޭ ހުޅަނގުގެ ގައުމުތަކުގެ ސިފައިން މާ އަވަސް އަރުވާލައިގެން އެގައުމުން ބާލައިފިނަމަ ފަހުން ދައްކަންޖެހޭ އަގު މާ ބޮޑުވާނެކަމަށް ނޭޓޯގެ އެންމެ އިސްވެރިއާ ޖެންސް ސްޓޮލްޓެންބާރގް ވިދާޅުވެއްޖެއެވެ.
ސްޓޮލްޓެންބާރގް މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެއްވެސް ރޭވުންތެރި ކަމަކާއި ނުލައި އަވަސް އަރުވާލައިގެން ސިފައިން ބާލައިފިނަމަ ފަހުން ދައްކަންޖެހޭ އަގު މާ ބޮޑުވާނެ ކަމަށެވެ.
މިގޮތުން އަފްގާނިސްތާނަކީ ޓެރަރިސްޓުންނަށް ހުޅަނގުގެ ގައުމުތަކަށް ޓެރަރިސްޓް ހަމަލާތައް ދިނުމަށް ރޭވުންތައް ރާވާނެ ޕެލެޓްފޯމަކަށް ވެގެން ދިއުމުގެ ބިރު އެބައޮތް ކަމަށާއި އަދި އައިއެސްއެސް ޖަމާއަތް އަލުން ބާރުގަދަ ވުމުގެ ޖާގަވެސް އަފްގާނިސްތާނުގައި އެބައޮތްކަމަށް ސްޓޮލްޓެންބާރގް މިއަދުވަނީ ވިދާޅުވެފައެވެ.
ނޭޓޯގެ ގިނަ މެންބަރު ގައުމުތަކުންނާއި އެމެރިކާއިން މިހާރު ބޭނުންވަނީ އަފްގާނިސްތާނުގެ ނިމުމެއް ނެއް ހަނގުރާމައިގެ ތެރެއިން ނިކުތުމަށެވެ. މިކަމަށް އެންމެ ބޮޑު މަސައްކަތެއް ކުރަމުން އަންނަ ގައުމަކީ އެމެރިކާއެވެ. މިމަސައްކަތް ކަނޑައެޅިފައިވާ ތާވަލައްވުރެ ލަސްވަމުންދާތީ ޓުރަމްޕް ދާދިފަހުންވަނީ ޑިފެންސް ސެކެރެޓަރީވެސް މަގާމުން ވަކިކޮށް އެ މަގާމަށް އާބޭފުޅަކު އައްޔަން ކުރައްވައިފައެވެ.
އެމެރިކާގެ ސިފައިން ހިމެނޭ ގޮތުން އަފްގާނިސްތާނުގައި ހަރަކާތްތެރިވާ ނޭޓޯ ސިފައިންގެ އަދަދު އުޅެނީ 12،000 ދަށުގައެވެ. މީގެތެރެއިން އެމެރިކާ ސިފައިންގެ އަދަދަކީ 4،500 އެވެ.