ގުދަންކުރުމުގައި ދިމާވި ކަމެއްގެ ސަބަބުން ޓެސްޓް ކިޓްތަކެއްގެ ނަތީޖާ ނުފެންނާތީ އުކާލަން ޖެހިފައިވާ ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވިދާޅުވެއްޖެއެވެ.
އެޗްއީއޯސީގެ މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، ލިބިފައިވާ ޓެސްޓްކިޓްތަކަކުން ފުރިހަމަ ނަތީޖާ ނުފެންނާތީ އެކަން ބެލިބެލުމުން އެނގިފައިވަނީ އެގޮތަށް އެކަން ދިމާވަނީ ގުދަންކުރުމުގައި ދިމާވި މައްސަލަތަކެއްގެ ސަބަބުން ކަމަށެވެ.
އަދި އެއާއެކު ބަލަން ޖެހޭ ކަންކަން ބަލާއި ޒިންމާދާރުކުރުވަން ޖެހޭ ފަރާތެއް ހުރިތޯ ބެލުމުގެ މަަސައްކަތް އޮންނަ އުސޫލުގެ ދަށުން ކުރަމުން އަންނަ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ ހުރިހާ ކިޓްތައް ބޭކާރުވެގެން އުކާލީ ނޫން ކަމަށާއި އޭގެ ތެރެއިން ވަރަށް ގިނަ ކިޓް ބޭނުންކުރެވުން ކަމަށެވެ.
އޭގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ އެގޮތަށް އެކަން ދިމާވުމާއި ގުޅިގެން އެސްޓީއޯއާ ގުޅިގެން ގުދަންކުރުމުގައި ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އަދި މިހާރު ވެސް ކިޓް އެބަހުރި ކަމަށާއި ކުރިއަށް އޮތް ތިން މަހަށް ބޭނުންވާ ކިޓް ގެނައުމުގެ މަސައްކަތް ކުރެވެމުންދާކަމަށް ވިދާޅުވިއެވެ.
ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 އަށް 10،943 މީހަކު ޕޮޒިޓިވްވެފައިވާއިރު، އޭގެތެރެއިން 9783 މީހަކު ވަނީ ރަނގަޅުވެފައެވެ. އަދި މިބަލީގައި މިހާތަނަށް35 މީހަކު ނިޔާވެފައިވާއިރު، 1118 މީހަކަށް މިހާރުވެސް ދަނީ ފަރުވާ ދެމުންނެވެ. އަދި މީގެ ތެރެއިން 68 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގައެވެ.




