ގެސްޓްހައުސް ހުއްނަ ރައްތަކުގައި މާސްކް އެޅުން މަޖުބޫރުވާނެ

ފަތުރުވެރިކަމަށް ގެސްޓްހައުސް ހިންގާ ރައްތަކުގައި މާސްކް އެޅުން މަޖުބޫރު ކުރާނެކަން ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީ އިން ދަރުބާރުގޭގައި މިރޭ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ މޭލެ ސަރަހައްދެކޭ އެއްގޮތަށް ގެސްޓްހައުސް ހިނގާ ރައްތަކުގައިވެސް މާސްކް އެޅުން މަޖުބޫރު ކުރާނެ ކަމަށެވެ.

"އެންގުމެއް ނިކުއްނާނެ، ގެސްޓްހައުސް ހުއްނަ ރައްރަށުގައި މާސްކް އެޅުން މިހާހިސާބުން ފެށިގެން މަޖުބޫރުވާނެ މާލެ ސަރަހައްދުގަ ގޮތަށް" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ ގެސްޓްހައުސް ހިނގާ ފަރާތްތަކާއި ކައުންސިލްތަކާއި އަދި ރައްރަށުގެ ޓާސްކްފޯސްތަކާއި އެއްކޮށް ގައިޑްލައިން ތައްޔާރު ކުރުމުގައި ވަރަށް ގިނަ ކޮންސަލްޓޭޝަން ކުރިއަށްދިޔަ ކަމަށެވެ. އަދި ގައިޑްލައިން ތައްޔާރު ކުރުމަށްފަހު މިތަންތަނަށްވެސް ގައިޑްލައިން އާއި ބެހޭގޮތުން ސެޝެންތައް ކުރިއަށް ގެންގޮސްފައިވާނެ ކަމަށެވެ.

ގެސްޓްހައުސްތައް މިމަހުގެ 15 ވަނަ ދުވަހު ހުޅުވާލުމަށް ހަމަޖެހިފައިވާއިރު، މި ޚިދުމަތް ދިނުމުގައި ޢަމަލުކުރަންޖެހޭ ޢުސޫލު އެޗްޕީއޭއިންވަނީ ޢާއްމުކޮށްފައެވެ.

މި ގައިޑުލައިންގައި ވާގޮތުން ގެސްޓްހައުސް ހިންގާ ރަށްތަކާއި އެރަށްތަކުން އެހެން ރަށްތަކަށް ކަރަންޓީން ނުވާގޮތަށް ދަތުރުކުރެވޭނީ ހަ ޙާލަތެއްގައެވެ. މި ހާލަތްތައް ތަފްސީލް ކޮށްދެމުން ޑރ. ނަޒްލާ މިރޭ ވިދާޅުވީ، "ދަތުރުކުރެވޭނީ ސިއްޙީ ކަމެއްގައި، އާއިލާގެ މީހަކު ބަލިވެގެން، ބޭންކިންގ ޚިދުމަތަށް، ކާބޯތަކެތި ފޯރުކޮށްދިނުމަށް ކުރާ ދަތުރުތައް، ކޯޓުގެ ޚިދުމަތަށް އަދި ސްކޫލަށް ދިޔުމަށް ދެރަށްދެމެދުކުރާ ދަތުރުތަކަށް އެކަނި." ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ