މިނިސްޓްރީ އޮފް ޓޫރިޒަމާއި އެޗް.ޕީ.އޭ. ގުޅިގެން ރިސޯޓް މުވައްޒަފުންނާއި ރިސޯޓްގައި މަސައްކަތްކުރައްވާ ޞިއްޙީ މާހިރުންނަށް އާންމު ސިއްޙަތާގުޅޭ ތަމްރީނު ޕްރޮގްރާމެއް ބާއްވައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މި ޕްރޮގްރާމްގެ ބޭނުމަކީ ކޮވިޑް-19 ގެ ޙާލަތުގައި ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުންކަމަށެވެ. އެގޮތުން މިއީ މިގޮތަށް ބޭއްވޭ 4 ވަނަ
ތަމްރީނު ޕްރޮގްރާމެވެ.
މި ތަމްރީނު ޕްރޮގްރާމް ހިނގާފައިވަނީ މި މަހުގެ 11 ގައެވެ. އަދި މި ތަމްރީނު ޕްރޮގްރާމް ކުރިއަށްގެންދެވުނީ 3 ގަޑިއިރުގެ 2 ސެޝަނަކަށް ބަހާލައިގެން ޖުމްލަ 137
ބައިވެރިންނާއެކުކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރ ބަންދުކޮށްފައި ބޭއްވުމަށްފަހު ޖުލައި 15 އިން ފެށިގެން ފަތުރުވެރިކަމަށް ހުޅުވާލާފައިވަނީ ޢާންމު ޞިއްޙަތުގެ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ބަލައިގެންނެވެ.
މިނިސްޓްރީން ވިދާޅުވީ، އާންމު ސިއްޙަތުގެ ރައްކާތެރިކަން ދެމެހެއްޓުމާއި ބަލިފެތުރުން ހުއްޓުވުމަށްޓަކައި އެޗް.ޕީ.އޭ.ގެ ގައިޑްލައިނަށް އަހުލުވެރިވުން މުހިންމުކަމަށެވެ. އެގޮތުން ވަޒީފާގެ މާހައުލުގައި މަސައްކަތް ކުރުމުގައިވެސް ބަލިފެތުރުން ވީހާވެސް މަދުކުރެވޭނެ ގޮތަށް އެންމެންގެ އަމަލުތައް ބައްޓަންކުރަންޖެހޭކަމަށެވެ.
މިގޮތުން ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ބޭނުންވާ ފަންނީ މަޢުލޫމާތު މި ޕްރޮގްރާމްގައި ޙިއްޞާކުރެވުނުކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވިއެވެ.



