އެ ކޮމިޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ދެ ޖިންސުގެ ފަނޑިޔާރުން ޖުވެނައިލް ކޯޓަށް އައްޔަނު ކުރުމަށްޓަކައި ޖުވެނައިލް ކޯޓަށް އަންހެން ފަނޑިޔާރަކު ހޯދުމަށް ބޭނުންވާ ކަމަށެވެ.
މި މަގާމަށް ކުރިމަތިލެވޭނީ 25 އަހަރުން މަތީގެ އަންހެނުންނަށްކަމަށްވެސް އެ އިއުލާނުގައިވެއެވެ.
އެ މަގާމަށް އަސާސީ މުސާރައިގެ ގޮތުގައި 30،000 ރުފިޔާ ލިބިވަޑައިގަންނަވާއިރު، ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ އާއި ރިސްކް އެލަވަންސްގެ ގޮތުގައި 1،650 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. އަދި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުންް ކަނޑައަޅާފައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސް އާއި ފޯން އެލަވަންސް ވެސް ލިބިވަޑައިގަންނަވާނެއެވެ.
މި މަގާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ހުށައަޅަންޖެހޭ ތަކެތީގެ މައުލޫމާތުތައް ޖޭއެސްސީގެ އިއުލާނުގައިވެއެވެ. މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި އޮކްޓޯބަރ މަހުގެ 26 ވަނަ ދުވަހު މެންދުރު 1:30 އެވެ.




