ދިވެހިރާއްޖޭގެ ޖުވެނައިލް ކޯޓުގެ ރަސްމީ ވެބްސައިޓް ހެކްކުކޮށް އިންޑިއާގެ ހެކަރުން ރާއްޖެއަށް އިންޒާރުދީފިއެވެ.
ޖުވެނައިލް ކޯޓަކީ ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގެ ތެރެއިން 18 އަހަރު ނުފުރޭ ކުޑަކުދިންގެ ޖިނާޢީ މައްސަލަތައް ބަލާ ކޯޓެވެ.
ޖުވެނައިލް ކޯޓުގެ ވެބްސައިޓް ހެކްކޮށް، އަވަށްޓެރި އިންޑިއާގެ ދިދައެއް ޖަހައި އިންޒާރުދެމުން ބުނެފައިވަނީ، އިންޑިއާއިން ރާއްޖެއަށް ދީފައިވާ އެހީތެރިކަމާއި އެއްބާރުލުން ހަނދާން ކޮށްދިނުން ވަރަށް މުހިއްމު ކަމަށެވެ. އެހެންވެ، އެ ގައުމަށް އިހާނެތިވާ ގޮތަށް ވާހަކަ ދެއްކުން އަދި އެހީތެރިކަމާއި އެއްބާރުލުން ހަނދާން ނައްތާލުމަކީ ވަރަށް ބޮޑަށް ނާއުންމީދުވާ ކަމެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ. އަދި މިއީ "އިންޒާރެއްގެ" ގޮތުގައި ބެލުމަށްވެސް މެސެޖުގައި ބުނެފައިވެއެވެ.
އިންޑިއާއާއި ރާއްޖެއާއި ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ހޫނުވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ލަކްޝަދީޕަށް ކުރެއްވި ދަތުރުފުޅުގައި އެ ސަރަހައްދުގެ ޓޫރިޒަމް ޕްރޮމޯޓްކުރައްވައި އާންމު ކުރެއްވި ވީޑިއޯކާއި ހިސާބުންނެވެ. އެ ވީޑިއޯއަށް ދިވެހިރާއްޖޭގެ ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން އޭނާއަށް އިހްތިރާމް ކުޑަވާ ގޮތަށް ފާޑުވިދާޅުވިއިރު، އެކަމާއި ގުޅިގެން އިންޑިއާގެ މީސްމީޑިއާ އެކްޓިވިސްޓުން ރާއްޖޭގެ ފަތުރުވެރިކަން ބޮއިކަޓް ކުރުމަށް ވަރުގަދަ ކެމްޕޭނެއް ފެށިއެވެ.
ޑެޕިއުޓީ މިނިސްޓަރުން އެގޮތަށް އަމަލުކުރި މައްސަލައިގައި އެ ތިން ބޭފުޅުން މުއްދަތެއް ނެތްގޮތަށް ސަސްޕެންޑްކޮށްފައިވާއިރު، ދެ ޤައުމުގެ ސަފީރުން ހައިކޮމިޝަނަށް ހާޟިރުކޮށްފައިވެއެވެ.
ސޯޝަލް މީޑިއާގައި މި ފެށުނު އަރާރުމާ އެކު ދިވެހިރާއްޖޭގެ ރައީސް އޮފީހުގެ ވެބްސައިޓާއި ސަރުކާރުގެ އެހެން ބައެއް އިދާރާތަކުގެ ވެބްސައިޓްތަކަށްވެސް ސައިބަރ އެޓޭކްތައް ކޮށްފައިވެއެވެ. އެއާއެކު ބައެއް ވެބްސައިޓްތަކަށް ވަނުމުގައި ދަތިތަކެއް ދިމާވެފައިވެއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ލަކްޝަދީޕަށް ކުރެއްވި ދަތުރުފުޅުގައި އެ ސަރަހައްދުގެ ޓޫރިޒަމް ޕްރޮމޯޓްކުރައްވައި އާންމު ކުރެއްވި ވީޑިއޯއާއި، އިންޑިއާގެ އެކްޓިވިސްޓުން ފުލުފުލުގައި ރާއްޖޭގެ ފަތުރުވެރިކަން ބޮއިކަޓް ކުރުމަށް ދޫކޮށްލި ވީޑިއީތަކަށާއި ވަށައިގެންވާ ކަންކަމަށް ބަލާއިރު، މިއީ ވަރަށް ރޭވުންތެރިކަމާއެކު އިންޑިއާއިން ރާއްޖެއަށް ދިން އިންޒާރެއްގެ ގޮތިގައި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.