ޖުވެނައިލް ކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރައްވައިފިއެވެ.
ޖުވެނައިލް ކޯޓާއި، ކްރިމިނަލް ކޯޓަށް ފަނޑިޔާރުން ހޯދުމަށް ޖޭއެސްސީ އިން ކުރި އިޢުލާނުގެ ދަށުން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޖުވެނައިލް ކޯޓަށް އައްޔަން ކޮށްފައި ވަނީ ހދ. ކުޅުދުއްފުށީ، ޓޯޓަލްގެ، އަލްއުސްތާޛާ މަރްޔަމް ޠާއިފާއެވެ. އަދި ކްރިމިނަލް ކޯޓަށް އައްޔަން ކޮށްފައި ވަނީ ގދ. މަޑަވެލި ރީގަލް އަލްއުސްތާޛު ޞަފްޢަތުއެވެ.
މި ބޭފުޅުން ފަނޑިޔާރުކަމުގެ ހުވާ ކުރެއްވުމާއި، ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ޖުޑީޝަލް ސަރވިސް ކޮމިޝަންގެ އިދާރާގައެވެ. މި ބޭފުޅުންނަށް ފަނޑިޔާރުކަމުގެ ހުވާ ލައިދެއްވީ، ޑްރަގް ކޯޓުގެ ޤާޟީ އަލްއުސްތާޛު އާދަމް އާރިފެވެ. އަދި މި ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު އަރުވާފައި ވަނީ އެ ކޮމިޝަންގެ ރައީސް އަލްއުސްތާޛާ ހިސާން ޙުސައިންއެވެ.
މިބޭފުޅުންގެ ތެރެއިން ޖުވެނައިލްކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާކުރެއްވި އަލްއުސްތާޛާ މަރްޔަމް ޠާއިފާ ވަނީ ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީޢަތާއި ގާނޫނުން ބެޗްލަރ ޑިގްރީ ހާޞިލް ކުރައްވާފައެވެ.
ޤާނޫނީ ވަކީލުކަމުގައި 8 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި އަލްއުސްތާޛާ މަރްޔަމް ޠާއިފާ ކުރިން ހުންނެވީ ޕްރޮސެކިއުޓަރ ޖެނެރަލްސް
އޮފީހުގެ ސީނިއަރ ޕަބްލިކް ޕްރޮސެކިއުޓަރގެ މަޤާމުގައެވެ. މީގެ އިތުރުން ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީގެ މެންބަރެއްގެ މަޤާމުވެސް ޠާއިފާ ވަނީ ފުރުއްވާފައެވެ. މިއީ ޤާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ޤާނޫނުގެ) 22 ވަނަ މާއްދާގެ(ހ) ގެ ދަށުން ޖުވެނައިލް ކޯޓަށް އައްޔަނު ކުރެވުނު އަންހެން ފަނޑިޔާރެވެ.
ކްރިމިނަލްކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވި އަލްއުސްތާޛު ޞަފްޢަތުޙަބީބު ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އިން ބެޗްލަރ އޮފް ޝަރީއާ އެންޑް ލޯ އަދި މާސްޓަރ އޮފް ލޯ ހާސިލްކުރައްވާފައެވެ. ޤާނޫނީ ވަކީލުކަމުގައި 8 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި އަލްއުސްތާޛު ޞަފްޢަތުޙަބީބު ކުރިން ހުންނެވީ އެންޓިކޮރަޕްޝަން ކޮމިޝަނުގެ ލީގަލް އޮފިސަރގެ މަޤާމުގައެވެ.




