ކްރިސްޓިއާނޯ ރޮނާލްޑޯ ކޮވިޑު-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އުމުރުން 35 އަހަރުގެ ރޮނާލްޑޯ ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ޕޯޗުގަލްގެ ފުޓްބޯޅަ އެސޯސިއޭޝަނުންވަނީ ކަށަވަރުކޮށްދީފައެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ރޮނާލްޑޯ މިހާރުވަނީ ސެލްފް އައިސޮލޭޝަންގައެވެ. އަދި ޔޫއެފާ ނޭޝަންސް ލީގުގައި ސްވިޑަންއާއި ދެކޮޅަށް ކުޅުމަށް ޕޯޗުގަލްއިން ތައްޔާރުވަމުން އަންނައިރު، މާދަމާ ރޭ ކުޅޭ އެމެޗުގައި ރޮނާލްޑޯއަކަށް ނުކުޅެވޭނެއެވެ.
ރޮނާލްޑޯ ކޮވިޑަށް ޕޮޒިޓިވްވިނަމަވެސް ބަލީގެ އެއްވެސް އަލާމާތެއް އޭނާގެ ކިބައިން ނުފެންނަކަމަށްވެސް ރިޕޯރޓްތައް ބުނެއެވެ.
ޕޯޗުގަލް ފުޓްބޯޅަ އެސޯސިއޭޝަނުން ބުނީ، ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ރޮނާލްޑޯ ސެލްފް އައިސޮލޭޓް ކުރެވިފައިވާކަމަށާއި، އަދި ސްވިޑަންއާއި ދެކޮޅަށް ކުޅޭ ޕޯޗުގަލްގެ ޓީމުގައި ރޮނާލްޑޯ ނުހިމެނޭނެކަމަށެވެ.
އަދި ރޮނާލްޑޯ ޕޮޒިޓިވްވުމާއި ގުޅިގެން ޕޯޗުގަލްގެ އެހެން ކުޅުންތެރިން މިއަދުގެ ހެނދުނު ވަގުތެއްގައި ކޮވިޑަށް ޓެސްޓްކުރެވިފައިވާކަމަށާއި، އެހުރިހާ ކުޅުންތެރިންގެ ނަތީޖާވެސް ނެގެޓިވްކަމަށް އެއެސޯސިއޭޝަނުން ބުނެއެވެ. އަދި މިއަދު މެންދުރުފަހު ޕޯޗުގަލްގެ ފަރިތަކުރުންތައްވެސްވަނީ ފަށާފައެވެ.
އިންޓަރނޭޝަނަލް ބްރޭކްގައި މިހަފްތާގައި ޕޯޗުގަލްއިން ކުޅުނު ދެ މެޗުގައިވެސް ރޮނާލްޑޯވަނީ ކުޅެފައެވެ. މިމަހުގެ 7 ވަނަ ދުވަހު ސްޕެއިންއާއި ދެކޮޅަށް ކުޅުނު މިދިޔަ އާދިއްތަ ދުވަހުގެ ރޭ ކުޅުނީ ފްރާންސާއި ދެކޮޅަށެވެ. އެދެމެޗުވެސް ނިމިފައިވަނީ 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރު ވެގެންނެވެ.




