ގެސްޓް ހައުސް އަލުން ހުޅުވާލުމާއި ގުޅިގެން ރާއްޖޭގެ ގެސްޓްހައުސްތަކަށާއި، ގެސްޓް ހައުސް ވިޔަފާރި ކުރާ ރަށްރަށުގެ ރައްޔިތުންނަށް މާސްކު ހަދިޔާ ކުރަން ސަރުކާރުން ނިންމައިފިއެވެ.
މިކަމާއި ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ވިދާޅުވެފައި ވަނީ ކޮވިޑް-19 އާގުޅިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓްހައުސްތައް ވަގުތީގޮތުން ހިންގުން ހުއްޓާލެވިފައި އޮތުމަށްފަހު 15 އޮކްޓޯބަރު 2020 ގައި ހުޅުވުމަށް ސަރުކާރުން ނިންމާފައިވާކަމަށާއި، އަދި އެޗްޕީއޭ އިން ވަނީ ގެސްޓްހައުސްތައް ހިންގުމުގައި އަމަލުކުރަންޖެހޭ އުޞޫލެއް ކަނޑައަޅާފައި ކަމަށެވެ.
މިއުޞޫލުތަކާ އެއްގޮތަށް ރާއްޖޭގެ ބައެއް ގެސްޓްހައުސްތައް މިހާރުވަނީ ހުޅުވުމަށް ތައްޔާރުވެފައި ކަމުގައި ޓޫރިޒަމް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
އެގޮތުން ގެސްޓްހައުސް ވިޔަފާރިތައް އަލުންފައްޓަން، ސިނާޢަތުގެ ހުރިހާ ފަރާތްތަކުން ތައްޔާރުވަމުންދާކަން ފާހަގަކޮށް، ކޯވިޑް19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ.) އިން ހަދިޔާކޮށްފައިވާ ނޮންސަރޖިކަލް މާސްކް ރާއްޖޭގައި ހިންގާ ގެސްޓްހައުސް ވިޔަފާރިތަކަށް ހަދިޔާކުރުމަށް ހަމަޖެހިފައިވާކަމުގައި އެމިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ދިވެހި ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް ސަރުކާރުންދޭ މުހިންމުކަން ފާހަގަކޮށް ސިންގަޕޫރުގެ ޓެމަސެކް ފައުންޑޭޝަންއިން ހަދިޔާކޮށްފައިވާ "ރީޔޫސަބަލް" މާސްކް ގެސްޓްހައުސް ވިޔަފާރިކުރާ ރަށްރަށުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް ހަމަޖެހިފައިވާކަމުގައިވެސް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
އެ މިނިސްޓްރީން ވިދާޅުވެފައި ވަނީ މި މާސްކްތައް ގެސްޓްހައުސްތަކާއި ރަށްރަށުގެ ރައްޔިތުންނަށް ކައުންސިލް މެދުވެރިކޮށް ބެހުމަށްޓަކައި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އާއި ހަވާލުކުރުމަށްވަނީ ހަޖެހިފައިވާކަމަށެވެ.
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތުގައި މަސައްކަތް ކުރައްވާ އެންމެހައި މުވައްޒަފުންނާއި މެނޭޖްމަންޓުތަކުން، މިވޭތުވެދިޔަ ދުވަސްތަކުގައި، އެޗްޕީއޭ އާއި އަދި ކަމާގުޅޭ ސަރުކާރުގެ އިދާރާތަކުން ދެއްވާ އިރުޝާދުތަކަށާއި އެންގުންތަކަށް ކިޔަމަންތެރިކަމާއެކު ބޯލަނބައި، ކެތްތެރިކަމާއެކު ދެއްވި އެއްބާރުލެއްވުމާއި އެހީތެރިކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ޝުކުރު އަދާކުރައްވާފައެވެ.



