ނޫސްވެރިކަމުގެ މިނިވަންކަމޭ ކިޔައިފައި އަބުރު ކަތިލުމަކީ ކޮއްގެންވާނެ ކަމެއް ނޫން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ނޫސްވެރިކަމުގެ ދާއިރާއަށް އަލަށް ވަންނަ ފަރާތްތަކަށް އަމާޒުކޮށްގެން “ނޫސްވެރިކަމުގެ އަސާސީ ޕްރޮގްރާމް” ގެ ނަމުގައި މޯލްޑިވްސް މީޑިއާ ކައުންސިލުން ކުރިއަށްގެންދިޔަ ޕްރޮގްރާމް ނިންމުމުގެ ގޮތުން އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މިރޭ ޕީޖީ ޝަމީމް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމަކީ މިނިވަން ޑިމޮކްރެޓިކް މުޖުތަމައެއްގައި ކަށަވަރުކޮށްދޭންޖެހޭ އެންމެ މުހިންމު އެއް އަސާސީ ހައްގު ކަމަށާއި، އެހެންނަމަވެސް ނޫސްވެރިކަމުގެ މިނިވަންކަމޭ ކިޔައިފައި އަބުރު ކަތިލުމަކީ ކޮއްގެންވާނެ ކަމެއް ނޫން ކަމަށެވެ.
ޝަމީމް އިތުރަށް ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަމަކީ މިނިވަން ޑިމޮކްރެޓިކް މުޖުތަމައެއްގައި ކަށަވަރުކޮށްދޭންޖެހޭ އެންމެ މުހިންމު އެއް އަސާސީ ހައްގު ކަމަށެވެ. އަދި ދައުލަތުގެ މުއައްސަސާތަކުން މަސައްކަތް ކުރާގޮތް ބަލައި އެމުއައްސަސާތައް ޖަވާބުދާރީ ކުރުވުމަކީ ނޫސްވެރިންގެ ޒިންމާއެއް ކަމަށާއި އެތަންތަނުގެ ވެރިން ޒިންމާދާރު ކުރުމަށް ލިބޭ ބާރެއް ކަމަށެވެ.
އެހެން ނަމަވެސް އެއްވެސް ބާރެއް ބޭނުންކުރާއިރު، އެއްވެސް ހަމައެއް ލަމައެއް ނެތި، އެއްވެސް ކަހަލަ ޒިންމާދާރުކަމެއް ނެތި ބޭނުންކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ޕީޖީ ވިދާޅުވިއެވެ.
ގާނޫނުއަސާސީން ނޫސްވެރިކަމުގެ މިނިވަންކަން ލިބިދީފައިވާ ފަދައިން، ކޮންމެ ރައްޔިތަކަށް އެމީހެއްގެ އަބުރު ރައްކާތެރިކުރުމުގެ ހައްގު ވެސް ލިބިގެންވާކަން ފާހަގަކުރައްވަމުން ޝަމީމް ވިދާޅުވީ، ނޫސްވެރިކަމަކީ ރައްޔިތުންނަށްޓަކައި ކުރަމުންދާ މަސައްކަތެއް ކަމަށާއި ނޫސްވެރިކަމަކީ ބާރުގަދަ ކަމެއް ނަމަވެސ،ް އެއްވެސް ހަމައެއް ލަމައެއްނެތި، މީހުންގެ އަބުރު ކަތިލަމުން، ހަޤީގަތާއި ޙިލާފު ވާހަކަތަށް ގެނެސްދިނުމަކީ ޒިންމާދާރު ކަމަކަށް ވެސް ނުވާނެ ކަމަށެވެ.
"އެހެންވީމަ ނޫސްވެރިކަމުގެ މިނިވަންކަމޭ ކިޔާފައި މީހުންގެ އަބުރު ކަތިލާ، މީހުންނާ މެދު ނުބައި ތަސައްވުރެއް އުފެދޭ ގޮތަށް ވާހަކަ ދެއްކުމަކީ އެއީ އަޅުގަނޑު ދެކޭ ގޮތުގައި އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫން. ޒިންމާދާރު ކަމަކަށް ވެސް ނުވާނެ،" ޝަމީމް ވިދާޅުވިއެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުން ކުރިއަށްގެންދިޔަ މިޕްރޮގްރާމްގައި ޖުމްލަ 148 ބައިވެރިވެފައިވާއިރު، އޭގެތެރެއިން 120 ފަރާތަކުން ވަނީ މި ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.



