ހެލްތް މިނިސްޓަރ އަމީން / ފޮޓޯ:އަވަސް

ވެންޓިލޭޓަރު މައްސަލާގައި 11 ފަރާތެއްގެ މައްޗަށް ދަޢުވާ ކުރަން ފޮނުވައިފި

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރާ ވެންޓިލޭޓަރތައް ގެނައުމުގެ މަސައްކަތުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ 11 މީހެއްގެ މައްޗަށް ދަޢުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީ އިން ވިދާޅުވެފައި ވާ ގޮތުގައި ވެންޓިލޭޓަރތައް ގެނައުމުގެ މަސައްކަތް ކުރަމުން ދިޔައޯ އާންމު އުޞޫލުތަކާ ޚިލާފަށް ވަކި ބައެއްގެ އަތުން ކަމަށާއި މިގޮތުން ތަކެތި ނުލިބެނީސް އެޑްވާންސް ފައިސާ ދައްކާފައިވާ ކަމަށާއި، އަދި ވެންޓިލޭޓަރތައް ގެންނަން ޑުބާއީގެ ކުންފުންޏަކަށް ވެސް އެޑްވާންސްކޮށް ފައިސާ ދައްކާފައިވާކަމަށެވެ.

މި މައްސަލާގައި 11 ފަރާތެއްގެ މައްޗަށް ދަޢުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ އިއްޔެ އެވެ. އެކޮމިޝަނުން ވިދާޅުވާ ގޮތުގައި މި މައްސަލައިގެ ތަޙްޤީޤު އެކޮމިޝަނުން ފަށާފައި ވަނީ، ކޮމިޝަންގެ އަމިއްލަ އިސްނެގުމަށް 14 އެޕްރީލް 2020 ގައެވެ. އަދި މި މައްސަލައިގެ ތަޙްޤީޤު ނިންމާފައި ވަނީ 13 އޮކްޓޫބަރު 2020 ގައެވެ.

މި މައްސަލައަކީ، އެ ކޮމިޝަނުން ޚާއްޞަ އިސްކަމެއް ދީގެން، އަވަސް މައްސަލައެއްގެ ގޮތުގައި ތަޙްޤީޤުކޮށްފައިވާ މައްސަލައެއްކަމަށާއި އަދި މި މައްސަލައަކީ އެ ކޮމިޝަނުން މިހާތަނަށް ތަޙުޤީޤުކުރި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކަށްބަލާއިރު ނިސްބަތުން އެންމެބޮޑު އެއް މައްސަލަ ކަމަށްވެސް އޭސީސީ އިން ވަނީ ވިދާޅުވެފައެވެ.

މިމައްސަލަ ތަޙްޤީޤުކުރުމުގައި ތަޙްޤީޤު ޓީމުން ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، ތަޙްޤީޤަށް ބޭނުންވާ މަޢުލޫމާތާއި ލިޔެކިޔުންތައް ހޯދުމަށްޓަކައި ދަޢުލަތު އިދާރާތައް ހިމެނޭހެން، ތަފާތު 08 އިދާރާއަކުން މަޢުލުމާތު އެއްކުރެވިފައިވެއެވެ. އަދި މި މައްސަލައާ ގުޅިގެން، ޖުމްލަ 1600 ޑޮކިއުމެންޓަކާއި، 500 އީމެއިލް ބެކަޕް ތަޙްޤީޤު ޓީމުން ދިރާސާކޮށް އެނެލައިޒްކޮށްފައިވެއެވެ. މީގެތެރޭގައި، މި މައްސަލައާ ގުޅުންހުރި އެކި ފަރާތްތަކުގެ ގިނަ ޢަދަދެއްގެ ބޭންކް އެކައުންޓްތަކާގުޅޭ މަޢުލޫމާތު ހިމެނެއެވެ. މީގެއިތުރުން، މި މައްސަލައާ ގުޅުންހުރި ފަރާތްތަކުގެ ޖުމްލަ 36 ބަޔާނެއް ނަގާފައިވެއެވެ.

މި މައްސަލާގައި އޭސީސީއިން ދަޢުވާ ކުރުމަށް ފޮނުވާފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ:

  • މިނިސްޓްރީ އޮފް ހެލްތުގެ ޑެޕިޔުޓީ މިނިސްޓަރ، ނިޝާމާ މުޙައްމަދު
  • މިނިސްޓްރީ އޮފް ހެލްތުގެ ޑިރެކްޓަރ، ނައުޝާދު ޢަލީ
  • މިނިސްޓްރީ އޮފް ހެލްތުގެ ބިޑް ކޮމިޓީގެ މެމްބަރު، އާމިނަތު ޝައުފާ
  • މިނިސްޓްރީ އޮފް ހެލްތުގެ އެސިސްޓެންޓް ޑިރެކްޓަރ (ބިޑް ކޮމިޓީގެ މެމްބަރު)، ފާޠިމަތު ލިމްޔާ
  • މިނިސްޓްރީ އޮފް ހެލްތުގެ ޑިރެކްޓަރ (ފައިނޭންސް އެގްޒެކްޓިވް) އަޙްމަދު އަސްލަމް
  • މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން
  • މިނިސްޓްރީ އޮފް ހެލްތްގެ ޑެޕިއުޓީ މިނިސްޓަރ، ޝިޔާމާ މުޙައްމަދު
  • މިނިސްޓްރީ އޮފް ހެލްތުގެ ލީގަލް އޮފިސަރ، ޢަލީ ޝިހާމް
  • މިނިސްޓްރީ އޮފް ހެލްތުގެ އެސިސްޓެންޓް ޑައިރެކްޓަރ ޢަބްދުﷲ ޙަފީޘް
  • މިނިސްޓްރީ އޮފް ހެލްތުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ، ޙުސައިން ނިޔާޒް
  • މިނިސްޓްރީ އޮފް ހެލްތުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޢަބްދުﷲ ޝަރީފް
މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ