މިއީ ނައިފަރު، ހަނދުގެ ފޮޓޯއެއް ނޫން!

މިޚަބަރުގައިވާ ފޮޓޯއިން ފެންނަނީ ހަނދުގެ ބައެއްކަމަށް ހީކުރެވޭނަމަ އެއީ ވަރަށް ބޮޑު ކުށްހީއެކެވެ. އަހަރެމެނަށް ފެންނަ ހަނދު ނުވަތަ މާސް ކަހަލަ އެހެން ޕްލެނެޓްތަކުގެ ފޮޓޯތައްފަދައިން ގިނަ ވަޅުގަނޑުތަކެއް އެފެނިގެންދަނީ ޅ. ނައިފަރުގެ މަގެއްގެ ފޮޓޯ އަކުންނެވެ.

ޅ. ނައިފަރުގެ މަގުތައް މިހާލަތުގައި އޮންނަތާ އެތަކެއް ދުވަސްވެފައިވާއިރު، ރަށުގެ މުސްތަޤުބަލަށާއި ކުރިމަގަށް ވިސްނާ އެރަށުގެ ޒުވާނުންކޮޅެއް އިސްނަގައިގެން މިއަދު މިވަނީ "މަގުތައް އޯކޭ ތަ" މި ޝިއާރުގެ ދަށުން އެކަމާމެދު ކަންބޮޑުވުން ފާޅުކޮށް މަގު މައްޗަށް ނުކުމެއްޖެއެވެ.

އެކަމުގައި އިސްކޮށް ޙަރަކާތްތެރިވާ ފަރާތުން ބުނީ، މިއަދު އެރަށުގައި ޒުވާނުން ކުރިއަށް ގެންދިޔަ ސައިކަލު ބުރުގެ މަޤްސަދަކީ ނައިފަރުގެ މަގުތައް ހަލާކުވެ، ވަޅުގަނޑު ހެދުމުގެ ސަބަބުން ދުއްވާ ތަކެއްޗަށް ޢިޢާދަނުކުރެވޭ ވަރުގެ ގެއްލުންވުމާއި ވާރޭވެހޭ މޫސުމުގައި ހިނގާ ބިނގާވާ މީހުންނަށާއި ސުކޫލުކުދިންނަށާއި ބެލެނިވެރިންނަށާއި، ހޮސްޕިޓަލަށް ޚިދުމަތް ހޯދުމަށް އަންނަ ހުރިހާ ފުރާއެއްގެ މީހުންނަށް ގޮވުމާއި، އެކިއެކި ގެއްލުންތައް ލިބެމުންތާދީ، ޒުވާނުން އިސްނަގައިގެން ބާއްވާ ޙަރަކާތުގައި ކަމާބެހޭ ފަރާތްތަކަށާއި ސަރުކާރަށް އަޑު އިއްވުންކަމަށެވެ.

މީ ސިޔާސީ ހަރަކާތެއްނޫންނައިފަރު ޒުވާނުންގެ އަޑު????????#މަގުތައްއޯކޭތަ؟

Posted by Faruhad Mohamed on Thursday, 15 October 2020

އަދި މިމައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ޒުވާނުން އަޑުއުފުލާތާ ޒަމާންތަކެއް ވެއްޖެކަމަށާއި، އެހެންނަމަވެސް ވެރިންގެ ފަރާތުން މިކަމަށް އެއްވެސް އިޖާބައެއް ލިބިފައިނުވާއިރު، މައްސަލައަކީ ކޮބައިކަމާއި ކަންކަމަށް ޙައްލު ލިބޭނެ ދުވަހެއްވެސް އެންމެ ކުޑަމިނުން ބުނެފައިނުވާކަމަށްވެސް އެފަރާތުން ބުންޏެވެ.

މިއަދު ހަވީރު 04:30 ގައި ފެށި މިސައިކަލް ބުރުގައި ދެ ޖިންސުގެ ގިނަ ޒުވާނުންތަކެއް ފެނިގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ. ތަފާތު ޝިއާރުތައް ހިމެނޭ ބޯޑުތަކާއެކު މުޅި ނައިފަރުގައި ކުރިއަށްދިޔަ މިސައިކަލް ބުރަކީ ސިޔާސީ ޙަރަކާތެއް ނޫންކަމަށްވެސް އިންތިޒާމުކުރި ފަރާތުންވަނީ ހާމަކޮށްފައެވެ.

އަދި ނައިފަރުގެ މަގުތަށް މިހާރު އޮތް ޙާލަތުގެ ސަބަބުން އެރަށު ރައްޔިތުންނަށް ދިމާވާ ގިނަ މައްސަލަތަކެއް މިސައިކަލް ބުރު އިންތިިޒާމްކުރި ފަރާތުން ފާހަގަކޮށްފައިވާއިރު އޭގެތެރޭގައި ހިމެނެީ، މަގުގައި ވަޅުހެދުމުގެ ސަބަބުން ދުއްވާ ތަކެއްޗަށާއި މީހުންނަށް ގެއްލުންވެ ބައެއްފަހަރު މީހުންނަށް އަނިޔާވުން، ކިސަޑު ހެދިފައިވާ ހިސާބުތަކުން މީހުން ކަހައިލައިގެން ވެއްޓުމުގެ ސަބަބުން (އަތް ބިނދުން، ހަން މަށައިގެން ދިއުން) ފަދަ އަނިޔާވުން، ވާރޭވެހޭ މޫސުމުގައި ހިނގާބިނގާވާ މީހުންނަށް އެކިއެކި އަނިޔާލިބުމާއި އުނދަގޫތައް ތަޙައްމަލު ކުރަންޖެހުން، ދުއްވާތަކެއްޗަށް ގެއްލް ލިބުމާއި އެތަކެތި މަރާމާތުކުރުމަށް ބޮޑެތި ޚަރަދުތައް ކުރަންޖެހުން، އަބަދުވެސް ނައިފަރުގައި ކޭބަލްވަޅުލައި، ޖަންކްޝަންތައް ކޮންނަންޖެހުމުގެ ސަބަބުން ފަސްމަޑުވުމާއި ވަޅުތައް އިތުރުވުން، ނައިފަރުގެ ނަރުދަމާ ހުއްޓިފައި އޮތުމުގެ ސަބަބުން މަގުހެދުމުގެ މަސައްކަތްވެސް
ހުއްޓިފައިއޮތުން، ވާރޭވެހޭ މޫސުމުގައި ވަރަށް ގިނަ ފަހަރު ޢާންމުކޮށް ޖަންކަޝަން ބެދި ނަޖިސް ބިމުގެ ސާފްސް ލެވެލްއަށް ފެތުރި ރަށުތެރޭގައި ނަޖިސްފެން ފެތުރި، ރޯގާއާ ބަލިމަޑުކަމުގެ ބިރުއޮތުން އަދި އެކިރަށްރަށުން ހޮސްޕިޓަލަށް ފަރުވާ ހޯދުމަށް އަންނަމީހުންނަށާއި ސުކޫލަށްދާ ދަރިވަރުންނަށާއި، ބެލެނިވެރިންނަށް، ފެންގަނޑު ހެދުމުގެ
ވަޅުގަނޑު ހެދުމުގެ ސަބަބުން އުނދަގޫވުމުގެ އިތުރުން ސަރުކާރުގެ އޮފީސްތަކުން ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށްވެސް މިކަމުގެ ސަބަބުން އެކިއެކި އުނދަގޫތަކާއި، ގެއްލުންތައް ތަޙައްމަލުކުރަންޖެހުން ހިމެނެއެވެ.

އަދި ވިއްސާރަ ދުވަސް ކޮޅެއް އަތުވެއްޖެނަމަ، ރަށުގައި ފެންބޮޑުވުން އެއީ އަބަދުގެ ހާލު ކަމަށާއި ރައްޔިތުން މިމައްސަލައަށް ޙައްލެއް ލިބޭނެ ދުވަހެއް އިންތިޒާރުގައި ހުރިއިރު، ނައިފަރު ޒުވާނުންގެ އުންމީދަކީ މި ޞުލްޙަވެރި ސައިކަލް ބުރުގެ ސަބަބުން ޒުވާނުންގެ އަޑު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް އިވި، އަވަސް މުސްތަޤުބަލެއްގައި ނައިފަރުގެ މަގުތައް ހެދުމެވެ. އަދި އަމާންކަމާއި ބިރެއް ސިހުމެއްނެތި ހިނގާބިނގާވެ އުޅުމަށާއި ދުއްވުމަށް ފަހުކަން ލިބުމުގެ އިތުރުން ނައިފަރުގައި ހުއްޓިފައިއޮތް ފެނާއި ނަރުދަމާގެ މަސައްކަތް ފެށި، އެކަމުގެ އުފާވެރިކަން ރައްޔިތުންނަށް ލިބިގެން ދިއުމެވެ.

މިލިޔުން ކިޔާލުމުން
412
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ