ސްޕްރީމް ކޯޓު ސަރަހައްދު | ފޮޓޯ: މިހާރު

ޝަރުޢީ ދާއިރާއިން އިސްލާމީ ޝަރީޢަތް ބޭރުކުރަން ފަށައިފި - ސަލަފް

ޝަރުޢީ ދާއިރާއިން އިސްލާމީ ޝަރީޢަތް ބޭރުކުރަން ފަށައިފައިވާކަމަށް ރާއްޖޭގެ އެންމެ ބޮޑު ދީނީ އެއް ޖަމުއިއްޔާ ކަމަށްވާ ޖަމިއްޔަތުއްސަލަފުން ބުނެފިއެވެ.

ޖަމިއްޔަތުއްސަލަފުން މިހެން ބުނެފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުމާއި، ފަނޑިޔާރުކަން ކުރުމުން؛ އިސްލާމިކް ޝަރީޢާ ކިޔަވާ ފަރާތްތައް އެއްކިބާކޮށް، މަޙްރޫމްކުރާކުރުމާ މެދު އެ ޖަމުއިއްޔާއިން މިރޭ ނެރުނު ބަޔާނެއްގައެވެ.

މި ބަޔާނުގައި ޖަމިއްޔަތުއްސަލަފުން އިތުރަށް ބުނެފައިވަނީ، އިންސާނާގެ ދީނާއި، ބުއްދިޔާއި، މުދަލާއި، ފުރާނަ ރައްކާތެރިކުރާނެ އެންމެހާ ގޮތަކާއި، މަގެއް އެ ޝަރީޢަތެއްގައި ލައްވައި، ހަތްވަނަ އުޑުގެ މަތީން އެންމެ ފަހުގެ ނަބިއްޔާ صلى الله عليه وسلم އަށް ގަދަ ކީރިތިވަންތަ ﷲ ބާވައިލައްވާފައިވާ މާތްވެގެންވާ މުޤައްދަސް ދުސްތޫރު؛ ފުރަގަހަށް އެއްލާލައި، ﷲގެ ދީނުން މުސްލިމުން ބޭރުކޮށް؛ އިންސާނުންގެ ތެރެއިން މަދު ބަޔަކު އަމިއްލައަށް އެކުލަވާލައިފައިވާ، ދުވަހުން ދުވަހަށް އެކި ފަރާތްތަކުގެ އަމިއްލަ މަޞްލަޙަތުގެ މައްޗަށް ބަދަލުކުރަމުން ގެންދާ ވަޟަޢީ ޤާނުނުގެ މައްޗަށް އަޅުވެތިކޮށްގަތުމަށް ކާފިރުންނާއި، އެމީހުންނަށް ތަބާވާ މީސްތަކުންދަނީ ރެޔާއި ދުވާލު ކެނޑިނޭޅި މަސައްކަތްކުރަމުން ކަމަށެވެ.

އެގޮތުން ދަޥުލަތުގެ މުއައްސަސާތަކުން އެކަށައަޅާ ޤާނޫނާއި ޤަވާޢިދުން؛ އިސްލާމީވަންތަކަމާއި، އިސްލާމީ ޝަރީޢަތާ އެކީއެކަށް ގުޅުންކަނޑާލުމަށް ދަނީ މަކަރުވެރި ރޭވުންތައް ރާވަމުން ކަމަށާއި މިކަމަކީ އިސްލާމީ ބިންތަކަށް އިސްލާމްދީނާ ޢަދާވާތްތެރި ދަޥުލަތްތަކުން އަތްގަދަކޮށް، އެމީހުންގެ ވެރިކަން އެބިންތަކުގައި ޤާއިމުކުރި ދުވަހުން ފެށިގެންވެސް ކުރަމުން އަންނަ މަސައްކަތެއްކަމަށް ޖަމިއްޔަތުއްސަލަފުގެ ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ޖަމިއްޔަތުއް ސަލަފުގެ ބަޔާނުގައި ބުނެފައިވަނީ "މިއަދު އިވެމުން މިދަނީ ނުހަނު ބިރުވެރި އަޑެކެވެ. އާދެ! އިސްލާމީ ޔުނިވަރސިޓީތަކުން ހަމައެކަނި ކީރިތި ޤުރްއާނާއި ނަބަޥީ ސުންނަތުގެ ޢިލްމު އުނގެނިވަޑައިގެން އިސްލާމީ ޝަރީޢާގެ ރޮނގުން މަތީ ތަޢުލީމު ފުރިހަމަ ކުރައްވާފައިވާ ދީނީ ޢިލްމުވެރިން، ސައްތައިންސައްތަ މި އިސްލާމީ ޤައުމުގެ ޝަރުޢީ ދާއިރާގައި ޤާނޫނީ ވަކީލެއްގެ ޙައިޘިއްޔަތުން ވަކާލާތުކުރުމުން ވެސް މަޙްރޫމްކޮށް، އެކަހެރިކޮށްގަންނަ ބިރުވެރި ލާދީނީ އަޑުފަށްގަނޑެވެ."

މިބަޔާނުގައި ޖަމިއްޔަތުއްސަލަފުން ތުހުމަތު ކޮށްފައިވަނީ މިއީ ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުން ދީނީ ޢިލްމު އުގެނިވަޑައިގެން ތިއްބަވާ ހުރިހާ ޢިލްމުވެރިން ދުރުކޮށް ފޭކުރުމަށް މާކުރިން ރޭވިގެން ހިންގާ ލާދީނީ އެޖެންޑާގެ ކުޑަ މިންވަރެއް ކަމަށެވެ. އަދި މިކަމާއި މެދު އެންމެހައި ދިވެހި ރައްޔިތުން ސަމާލުވެ ހޭއެރުމަށް ޖަމިއްޔަތުއްސަލަފުންވަނީ ގޮވާލައިފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ