ހަލުވިކަމާއެކު މުޅިދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 39 މިލިއަނަށް އަރައިފިއެވެ.
ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ދުނިޔެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 39,170,483 އެވެ. އަދި މިބަލީގައި 1,102,926 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. އަދި މިހާތަނަށް ކޮވިޑް-19 އިން ރަނގަޅުވެފައި ވަނީ، 29,378,708 މީހުންނެވެ.
މިހާތަނަށް ދުނިޔޭގެ 215 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައިވާއިރު، އެންމެ ގިނަ އަދަދަކަށް މި ވައިރަހަށް ޕޮސިޓިވްވެ އަދި މީހުން މަރުވެފައި ވަނީ އެމެރިކާއިންނެވެ. އެޤައުމުން މިހާތަނަށް ޖުމްލަ 8,216,315 މީހަކު ބައްޔަށް ޕޮސިޓިވްވެފައިވާއިރު، 222,717 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.
ދެވަނައަށް އެންމެ ގިނަ ބަޔަކު މި ބައްޔަށް ޕޮސިޓިވް ވެފައިވަނީ އަވައްޓެރި އިންޑިޔާ އިންނެވެ. އެޤައުމުން މިހާތަނަށް 7,365,509 މީހަކު މި ބައްޔަށް ވަނީ ޕޮސިޓިވްވެފައެވެ. އަދި 112,146 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.
ތިންވަނައަށް އެންމެ ގިނަ ބައްޔަށް ޕޮސިޓިވް ވެފައިވަނީ ބްރެޒިލްއިންނެވެ. އެޤައުމުން މިހާތަނަށް 5,170,996 މީހަކު މި ބައްޔަށް ވަނީ ޕޮސިޓިވްވެފައެވެ. އަދި 152,513 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.




