ފާއިތުވި ސެޕްޓެންބަރު މަހު ދަޢުލަތަށް ލިބުނު އާމްދަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު 59 އިންސައްތަ ދަށަށް ހިނގައްޖެއެވެ.
ކަސްޓަމްސް ިއން ހާމަކޮށްފައިވާ ސެޕެޓެންބަރު މަހުގެ ތަފާސް ހިސާބަށް ބަލާލާއިރު، ފާއިތުވި ސެޕްޓެންބަރު މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ އަގު 2019 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހާ އަޅާބަލާއިރު 50 އިންސައްތަ ވަނީ ދަށްވެފައެވެ.
އެގޮތުން 2019 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ދިވެހިރާއްޖެއަށް 3.8 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މިއަހަރުގެ ސެޕްޓެންބަރު މަހު މިއަދަދުވަނީ 1.9 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ.
މީގެ އިތުރުން 2019 ވަނަ އަހަރުގެ ސެޕްޓެންބަރު މަހާއަޅާ ބަލައިރު މިއަހަރުގެ ސެޕްޓެންބަރު މަހު އެކްސްޕޯޓް ކުރެވުނު މުދަލުގެ އަގުވެސް ވަނީ %37 ދަށްވެފައެވެ. 2019 ވަނަ އަހަރު ސެޕްޓެންބަރު މަހު އެކްސްޕޯޓު ކުރެވުނު މުދަލުގެ އަގަކީ 315 މިލިއަން ރުފިޔާއެވެ. ނަމަވެސް މިއަހަރުގެ ސެޕްޓެންބަރު މަހު މިއަދަދު އުޅޭނީ 199 މިލިއަން ރުފިޔާގައެވެ.
2019 ވަނަ އަހަރު ސެޕްތެންބަރު މަހު ކަސްޓަމްސްއަށް ލިބުނު އާމްދަނީ 292 މިލިއަން ރުފިޔާއަށްއަރާއިރު، މި އަހަރު ސެޕްޓެންބަރު މަހު ކަސްޓަމްސްއަށް ލިބިފައިވަނީ 119 މިލިއަން ރުފިޔާއެވެ. މިއީ ފާއިތުވި އަހަރާއި އަޅާބަލާއިރު 59 އިންސައްތައިގެ ދަށްވުމެކެވެ.
ކަސްޓަމްސް އިން ހާމަކޮށްފައިވާ ގޮތުގައި ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޗައިނާއާއި، އިންޑިއާ އަދި ސިންގަޕޫރުންނެވެ.




