ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި ޅ. ނައިފަރުގެ މަގުތައް ހަދަަން ނިންމާފައިވާކަމަށާއި، ނަމަވެސް އެކަން ލަސްކުރުމަކީ އެރަށު ރައްޔިތުންނަށް ދެވޭ އަނިޔާއެއްކަމަށް ނިމިދަ ރައީސް އަބްދުﷲ ޔާމިން ސަރުކާރުގެ ހައުސިންގ މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިރޭ ކުރެއްވި ޓްވީޓެއްގައި މުއިއްޒު ވިދާޅުވީ، ރައީސް ޔާމީނުގެ ސަރުކާރުން އޮތީ ނައިފަރު މަގުތައް ހަނދަން ކަނޑައަޅާފައިވާކަމަށާއި، ކުރީގެ ސަރުކާރުން އެމަސައްކަތް ސާވޭކޮށް ޑިޒައިންވެސް ކޮށްފައިވާކަމަށެވެ. އަދި ފެނާއި ނަރުދަމާގެ މަސައްކަތް ނިމުނުހާ އަވަހަކަށް ނައިފަރުގެ މަގުތަކުގެ މަސައްކަތް ފެށުމަށް ރެޑީކޮށްފައިވާކަމަށާއި، އެކަން ނުވެ ލަސްވުމަކީ އެރަށު ރައްޔިތުންނަށް ދެވޭ އަނިޔާއެއްކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
RY sarukaarun othee kanda alhaafa Naifaru Magu thah hadhan. Survey koh, design koh budget koffa ; fenaa narudhamaa masakkai nimunuhaa avahaka fashan ready koffa. Ekan nuve lasvumakee Naifaru rayyithunnah dhevey aniyaa eh. @Shiyamaldives https://t.co/SN54wqKbh4
— Dr Mohamed Muizzu (@MMuizzu) October 16, 2020
މުއިއްޒު މިހެން ވިދާޅުވެފައިވާއިރު، ނައިފަރުގެ މަގުތަކުގެ ހާލަތާއިމެދު ކަންބޮޑުވުން ފާޅުކޮށް ނައިފަރުގެ ޒުވާނުން އިސްނަގައިގެން އިއްޔެވަނީ ސައިކަލް ބުރެއްވެސް ބާއްވާފައެވެ. “މަގުތައް އޯކޭ ތަ” މި ޝިއާރުގެ ދަށުން ޒުވާނުން ކުރިއަށް ގެންދިޔަ މިސައިކަލް ބުރުގައި ދެ ޖިންސުގެ ގިނަ ޒުވާނުންތަކެއް ފެނިގެންގޮސްފައިވާއިރު، ތަފާތު ޝިއާރުތައް ހިމެނޭ ބޯޑުތަކާއެކު މުޅި ނައިފަރުގައި މިސައކަލް ބުރުވަނީ ކުރިއަށް ގެންގޮސްފައެވެ.
އަދި މިމައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ޒުވާނުން އަޑުއުފުލާތާ ޒަމާންތަކެއް ވެއްޖެކަމަށާއި، އެހެންނަމަވެސް ވެރިންގެ ފަރާތުން މިކަމަށް އެއްވެސް އިޖާބައެއް ލިބިފައިނުވާއިރު، މައްސަލައަކީ ކޮބައިކަމާއި ކަންކަމަށް ޙައްލު ލިބޭނެ ދުވަހެއްވެސް އެންމެ ކުޑަމިނުން ބުނެފައިނުވާކަމަށް އިއްޔެގެ ސައިކަލް ބުރު އިންތިޒާމްކުރި ފަރާތުންވަނީ ބުނެފައެވެ.
އިއްޔެގެ ސައިކަލް ބުރު އިންތިޒާމްކުރި ނައިފަރު ޒުވާނުންގެ އުންމީދަކީ މި ޞުލްޙަވެރި ސައިކަލް ބުރުގެ ސަބަބުން ޒުވާނުންގެ އަޑު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް އިވި، އަވަސް މުސްތަޤުބަލެއްގައި ނައިފަރުގެ މަގުތައް ހެދުމެވެ. އަދި އަމާންކަމާއި ބިރެއް ސިހުމެއްނެތި ހިނގާބިނގާވެ އުޅުމަށާއި ދުއްވުމަށް ފަހުކަން ލިބުމުގެ އިތުރުން ނައިފަރުގައި ހުއްޓިފައިއޮތް ފެނާއި ނަރުދަމާގެ މަސައްކަތް ފެށި، އެކަމުގެ އުފާވެރިކަން ރައްޔިތުންނަށް ލިބިގެން ދިއުމެވެ.



