އޮންލައިން ޕެޓިޝަން ސައިޓެއް ކަމަށްވާ ޗޭންޖް.އޯރްގް ވެބްސައިޓް ތައިލެންޑުގައި ބުލޮކުކޮށްފިއެވެ.
މި ވެބްސައިޓު ތައިލެންޑުގައި ބުލޮކުކޮށްފައިވަނީ ތައިލެންޑުގެ ރަސްގެފާނު މަހާ ވަޖިރަލޮންކޯން އާއި ދެކޮޅަށް އެ ވެބްސައިޓުގައި އޮންލައިން ޕެޓިޝަނެއް ފަށައި އެ ޕެޓިޝަނުގައި 130،000 ގާތްކުރާ އަދަދަކަށް މީހުން ސޮއިކޮށްފައިވަނިކޮށެވެ.
ތައިލެންޑުގެ ޑިޖިޓަލް އެކޮނަމީ އެންޑް ސޮސައިޓީ މިނިސްޓްރީއިން ބުނެފައިވަނީ މި ވެބްސައިޓައް ތައިލެންޑުގައި ނުވަދެވޭގޮތް ހަދައިފައިވަނީ، އެ ވެބްސައިޓުގައި ތައިލެންޑުގެ ރަސްގެފާނާއި ދެކޮޅަށް ހުޅުވައިފައިވާ ޕެޓިޝަން ތައިލެންޑުގެ ކޮމްޕިއުޓަރ ކުރައިމް އެކްޓާއި ހިލާފުވެފައިވާތީ ކަމަށެވެ.

ޗޭންޖް.އޯރްގް ގައި ތައިލެންޑުގެ ރަސްގެފާނާއި ދެކޮޅަށް ހުޅުވާފައިވާ ޕެޓިޝަނުގައި ބުނެފައިވަނީ، މަހާ ވަޖިރަލޮންކޯން އަށް ޖަރުމަނަށް ނޭރޭނެ ގޮތް ހަދައި ދިނުމަށާއި އަދި ޖަރުމަނު ސަރުކާރުން ރަސްގެފާނަށް މިހާރު ދީފައިވާ ޑިޕްލޮމެޓިކް ފާސްތައް އުވާލުމަށެވެ. މި ޕެޓިޝަން ހުޅުވައިފައިވަނީ ފުރާންސްގައި ތައުލީމް ހާސިލްކުރަމުންދާ ތައިލެންޑުގެ ދަރިވަރެކެވެ.
ރަސްގެފާނާއި ދެކޮޅަށް ޕެޓިޝަނެއް ހުޅުވައި ގިނަ ބަޔަކު އެ ޕެޓިޝަނުގައި ބައިވެރިވަމުން މިދަނީ ރަސްގެފާނުގެ އުޅުއްވުމާއި އަދި ޖަރުމަނުގައި އެމަނިކުފާނު ހޭދަކުރައްވާ ވަގުތުތަކާއި ގުޅިގެން ގިނަބަޔެއްގެ ފާޑުކިޔުން އެމަނިކުފާނަށް އަމާޒުވެފައި ވަނިކޮށެވެ.
މިވަގުތަކީ ތައިލެންޑުގައި މިފަހުން ބޭއްވޭ އެންމެ ބޮޑެތި މުޒާހަރާތައްވެސް ބޭއްވެމުންދާ ދުވަސްކޮޅެވެ. މިގޮތުން މި މުޒާހަރާތައް ކޮންޓުރޯލް ކުރުމަށް ސަރުކާރުން އަންނަނީ ބާރުގެ ބޭނުންވެސް ކުރަމުންނެވެ.
މުޒާހަރާގެ ބައިވެރިން ބުނަމުން އަންނަނީ ތައިލެންޑުގެ ގާނޫނު އަސާސީ ބަދަލުކޮށް ތައިލެންޑުގެ މިހާރުގެ ބޮޑުވަޒީރު ވަގުތުން ވަގުތަށް އިސްތިއުފާދޭންޖެހޭ ކަމަށެވެ.



