ރަޝިއާގެ އެސް-400 ޑިފެންސް ސިސްޓަމް ތުރުކީއިން ޓެސްޓުކޮށްފި

ރަޝިއާގެ އެސް-400 ޑިފެންސް ސިސްޓަމް ތުރުކީވިލާތުން ޓެސްޓުކޮށްފައިވާކަމަށް ބޭރުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ހާމަކޮށްފިއެވެ.

މި ޑިފެންސް ސިސްޓަމް ގަތުމަށް ތުރުކީވިލާތުން ރަޝިއާ އެކު އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ 2017 ވަނަ އަހަރުއެވެ. އަދި މި ޑިފެންސް ސިސްޓަމް ތުރުކީވިލާތައް ގެނައުމުގެ މަސައްކަތް ފަށައިފައިވަނީ މިދިޔައަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ.

ތުރުކީވިލާތުން ރަޝިއާގެ އެސް-400 ޑިފެންސް ސިސްޓަމް ޓެސްޓުކޮށްފައިވާކަން ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައި މިވަނީ ތުރުކީވިލާތުގެ ކަޅުކަނޑުގެ ވަކިސަރަހައްދަކުން ދަތުރުފަތުރުކުރާ އެއްވެސް އުޅަނދެއް މިހަފްތާގައި ދަތުރު ނުކުރުމަށް ނޯޓިސްވެސް ނެރެފައިވަނިކޮށެވެ. މައުލޫމާތު ލިބޭގޮތުގައި މި ޓެސްޓުތައް ކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

މި ރިޕޯޓުތަކާއި ގުޅިގެން ތުރުކީވިލާތުގެ ޑިފެންސް މިނިސްޓްރީއިން ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ. އަދި މި ރިޕޯޓުތައް ދޮގުކޮށްފައެއްވެސް ނުވެއެވެ.

ރަޝިއާގެ އެސް-400 ޑިފެންސް ސިސްޓަމް ގަތުމަށް ތުރުކީވިލާތުން މަސައްކަތްފެށި ދުވަހުން ފަށައިގެން އެމެރިކާއިން އަންނަނީ މިކަމާއި އެމެރިކާއިން ހިތްހަމަ ނުޖެހޭކަން ފާޅުކުރަމުންނެވެ. މިހެންކަމުން މި ޚަބަރާއެކު ތުރުކީވިލާތާއި އެމެރިކާއާމެދު އޮތް ގުޅުން އިތުރަށް ގޯސްވެގެންދާނެ ކަމަށް ބެލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ