ފުރާންސުގައި ވަޅިން ހަމަލާދީ މީހަކު މަރާލައިފި

ފުރާންސުގެ ވެރިރަށް ޕެރިހުގެ ހުޅަނގު އުތުރުގެ ހިސާބެއްގައި ވަޅިން ހަމަލާދީ މީހަކު މަރާލައިފިއެވެ.

ބަޔެއް ރިޕޯޓުތައް ބުނާގޮތުން މިމީހާގެ ބޯވެސްވަނީ ބުރިކޮށްލައިފައެވެ. ނަމަވެސް މިކަން ފުރާންސުގެ ފުލުހުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައި ފުރާންސުގެ ފުލުހުން މިމައްސަލަ ބަލަމުން އަންނައިރު މައުލޫމާތު ލިބޭގޮތުގައި ވަޅިން ހަމަލާދީ މަރާލައިފައިވަނީ ސްކޫލެއްގެ ޓީޗަރެކެވެ. އަދި މި ޓީޗަރު މީހާ މަރާލައިފައިވާކަމަށް ބެލެވެނީ ރަސޫލާގެ މުހައްމަދު (ސ)ގެ ކާޓޫން ކުލާހުގައި ދެއްކުމާއި ގުޅިގެންނެވެ.

ފުލުހުން މިހާދިސާ ހިނގިތަނަށް ގޮސްފައިވަނީ ޝައްކުކުރެވޭފަދަ އަމަލުތަކެއް ހުރި މީހަކު ސްކޫލްކައިރީގައި ހަރަކާތްތެރިވާ ކަމުގެ ރިޕޯޓް ލިބިގެން ކަމަށް ފުލުހުންނާއި ހަވާލާދީ ފުރާންސުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެއެވެ. ފުލުހުން މިސަރަހައްދަށް ދިއުމުން ޝައްކުކުރެވޭ މިމީހާ ވަޅިން ފުލުހުންނަށް ހަމަލާދިނުމަށް މަސައްކަތް ކޮށްފައިވާ ކަމަށާއި ބަދަލުގައި ފުލުހުންދިން ބަޑީގެ ހަމަލާގައި މިމީހާ މަރުވެފައިވާކަމަށްވެސް ފުރާންސްގެ މީޑިއާގައި ރިޕޯޓް ކޮށްފައި ވެއެވެ.

މިހާދިސާ ހިނގައިފައިވަނީ ފުރާންސްގަޑިން މިއަދު 17:00 ގައެވެ. މިހާދިސާއާއި ގުޅިގެން ފުރާންސުގެ ފުލުހުންވަނީ ހާދިސާ ހިނގި ސަރަހައްދު އެކީއެކަށް ބަންދުކޮށްފައެވެ.

ރަސޫލާ މުހައްމަދު (ސ) އަށް ކާޓޫން ކުރެހި މައްސަލައިގައި މީގެ ކުރިންވެސް ފުރާންސުގައިވަނީ މިފަދަ ހަމަލާތަކެއް ދީފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ