ޕޯޗުގީޒުން އަޅުގަޑުމެންނަށް ހަމަލާދިނީ ކަނޑިއާއި ބަޑިން ކަމަށާއި އެކަމަކު މި ޒަމާނުގައި ޤައުމުތަކަށް ހަމަލާ ދެނީ ކަނޑިއާއި ބަޑިއަކުންނޫން ކަމުގައި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖެގެ ފަޚުރުވެރި 461 ވަނަ ޤައުމީ ދުވަހާއި ދިމާކޮށް އުމަރު ވިދާޅުވެފައިވަނީ މިއަދަކީ ދިވެހިން ނުކުމެ ހަނގުރާމަކޮށް، ޕޯޗުގީޒުންގެ ލަޝްކަރެއް ބަލިކޮށް، ޕޯޗުގީޒުން މި ޤައުމުން ބޭލި އުފާވެރި ޤައުމީ ދުވަސްކަމަށެވެ.
"ޕޯޗުގީޒުން އަޅުގަޑުމެންނަށް ހަމަލާދެނީ ކަނޑިއާއި ބަޑިން. އެކަމަކު މި ޒަމާނުގައި ޤައުމުތަކަށް ހަމަލާ ދެނީ ކަނޑިއާއި ބަޑިއަކުންނޫން. މި ޒަމާނުގައި އެހެނިހެން ނުސީދާ ގޮތްތަކުން ޤައުމުތަކަށް އަރާ ޤައުމުތައް ހިފަނީ" ޤައުމީ ދުވަހާއި ދިމާކޮށް ޢުމަރު ވިދާޅުވެފައިވެއެވެ.
ޢުމަރު އިތުރަށް ވިދާޅުވެފައި ވަނީ މިއަދު އެބޭފުޅާ މިވާހަކަ ދައްކާއިރު އިންޑިޔާގެ އަސްކަރިއްޔާގެ 200 ސިފައިން ދިވެހިރާއްޖޭގެ 3 ސަރަހައްދެއްގައި ރުކުރުވާލާފަވާކަމަށާއި މިއީ ދިވެހިރާއްޖޭގެ މިނިވަން ކަމަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއްކަމަށެވެ.
"މިއީ އަޅުގަޑުމެން ހުއްޓުވަންޖެހޭ ކަމެއް" އުމަރު ވިދާޅުވެފައިވެއެވެ.
އުމަރު ވިދާޅުވެފައި ވަނީ ﷲ އިރާދަކުރެއްވިއްޔާ މިޤައުމުގެ މިނިވަންކަން ދިފާޢު ކުރުމުގައި އަބަދުވެސް މި ޤައުމުގެ ރައްޔިތުން ތެދުވާނެކަމަށެވެ.
ދިވެހި ރާއްޖޭގައި އިންޑިއާ ސިފައިން ބައިތިއްބުމާ ދެކޮޅަށް އުމަރު އަންނަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ދެކޮޅުހަދައި އެކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ.