ތޮއްޑޫ / ފޮޓޯ: މީސްމީޑިއާ

ތޮއްޑޫ "ކަރާ" ފެންވަރުގައި ދައްކާލައިފި!

ރަށުގެ ރަމްޒެއް ނުވަތަ ލޭންޑްމާކެއްގެ ގޮތުގައި އެކި ރަށްރަށުގައި ބޭނުން ކުރަމުންދަނީ ތަފާތު ތަކެއްޗެވެ. ބައެއް ރަށްރަށުގައި ބޭނުންކޮށް އުޅެނީ އެރަށްރަށުގެ މޫދުގައި އެލުވައިގެން އުޅޭ އުނދޯލި ތަކެވެ. ރީތި ވިލުތަކުގައި އެލުވާލާފައިވާ އުނދޯލިތަކުގެ މަތީގައި އެ ރަށެއްގެ ނަމާއެކު "އައި ލަވް" މިހެން ލިޔެލާފައިވާ މަންޒަރު ފެނެއެވެ. އަނެއްބައި ރަށްރަށުގައި ފެންނަމުންދަނީ އެރަށަކަށް ނިސްބަތްވާގޮތަށް ކިޔާއުޅޭ އެއްޗިހި ފެންނަ ގޮތަކަށް އެރަށުގެ ނަން ޖަހައިގެން ހަދާފައިވާ ނަން ބޯޑްތަކުގެ މަންޒަރެވެ. މިއީ ހައްތަހާވެސް ރަށުގެ ރަމްޒެއް ނުވަތަ ލޭންޑްމާކެއްގެ ގޮތުގައި ބޭނުން ކުރާ އެއްޗިއްސެވެ.

މިފަހަރު މިފަދަ ރަށެއްގެ ލޭންޑްމާކެއް ތަފާތު ކޮށްލީ އއ. ތޮއްޑޫންނެވެ. ދެ ހާހެއްހާ މީހުންގެ އާބާދީއެއް އޮތް ތޮއްޑޫއަކީ ގުދުރަތީ މުއްސަދިކަން ލިބިފައިވާ ރީތި ރަށެކެވެ. ތޮއްޑޫ މިލަފްޒް އަޑު އިވުމާއެކު ކޮންމެ މީހެއްގެ ހިތަށްވެސް އަންނާނީ "ތޮއްޑޫ ކަރާ" މިފަދައިކަން ހަމަޔަގީނެވެ. މިއީ އެއްވެސް ދިވެހި ރައްޔިތަކު ދެބަސްވާނެ ކަމެއް ނޫނެވެ. ހަމަޔަގީނުންވެސް މިހާރު ތޮއްޑޫގެ ބަނދަރު މަތިން މިމަންޒަރު އެހުރީ ފެންނާށެވެ.

ރާއްޖޭގެ ފަތުރުވެރިން އަންނަ ބައެއް ރަށްތަކުގެ ތެރޭގައި ހިމެނޭ މާފުށި، ތުލުސްދޫ، ގުޅި ފަދަ ރަށްތަކުގައިވެސް އެރަށެއްގެ ނަން ފެންނަ ގޮތަށް ނަން ބޯޑު ހަރުކޮށްފައި ހުރެއެވެ. އެހެން ނަމަވެސް ތޮއްޑޫގެ ނަންބޯޑް ތަފާތެވެ. ވަރަށްވެސް ތަފާތެވެ. ތޮއްޑޫއިން ފެނިގެން ދިޔައީ ޒަމާނުއްސުރެ ދިވެހިން އެރަށަށް ނިސްބަތްކޮށް ކިޔާ އުޅޭ "ތޮއްޑޫ ކަރާ" ނަމުން މަޝްހޫރުވެފައިވާ "ކަރާ" ތަސްވީރު ފެންނަފަދަ ގޮތަކަށް ތައްޔާރު ކޮށްފައިވާ ނަންބޯޑެއްގެ މަންޒަރެވެ.

ތޮއްޑޫ / ފޮޓޯ: މީސްމީޑިއާ

މިކަމާއި ގުޅިގެން ތޮއްޑޫ ކައުންސިލްގެ ނައީބު ރައީސް، ހަސަން އަބްދުﷲ "ފެށުން" އަށް ވިދާޅުވީ، ތޮއްޑޫގެ ނަން ބޯޑަށް ބަދަލު ގެނެސްފައި ވަނީ ކައުންސިލާއި ގެސްޓްހައުސް ހިންގާ ފަރާތްތަށް ބޭނުން ވެގެން ކަމަށާއި އެކަމުގެ ސަބަބުން އެރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެއީ ކޮން ރަށެއްކަން ފަސޭހައިން ދަނެގަނެވޭނެ ގޮތަށް ކަމަށެވެ.

ހަސަން  އިތުރަށް ވިދާޅުވީ، މި މަސައްކަތަކީ ކޮވިޑް-19ގެ ކުރިން ފަށާފައިވާ މަސްކަތެއް ކަމަށާއި އެހެން ނަމަވެސް ކޮވިޑް-19ގެ ބަލި މަޑު ކަމުގެ ސަބަބުން ހުއްޓުމަކަށް އައިސް މިހާރު މަސައްކަތް ނިންމާލެވިފައިވާ ކަމަށެވެ.

"މި މަސައްކަތަކީ ތޮއްޑޫ ކައުންސިލުން ހަރަދުކޮށްގެން، ގެސްޓްހައުސްތަކުގެ މީހުންނާއި، ޒުވާނުންނާއި ބޭނުންވެގެން ކޮށްފައިވާ މަސައްކަތެއް. އަދި މި ހިޔާލަކީ މީގެކުރިން އެކިރަށްރަށުގައި... މިސާލަކަށް މާފުށި، ފަދަ ރަށްރަށުގައި އެބަހުރި ދެއްތޯ؟ ހާއްސަކޮށް ގެސްޓުން މިހާރު ވަރަށް ގިނައިން ރާއްޖޭގެ އެކިރަށްރަށުގައި ކުރިއަރަމުން އެބައާދޭ، އެހެންވީމަ ތޮއްޑޫގައި މިހެންވަކި މިރަށް ފާހަގަވާނެ ގޮތެއް ނުހުރޭ، މިކަހަލަ އެއްވެސް މޮނިއުމެންޓެއް ހެދިފައެއްނެތް. މިހެން މިމަސައްކަތް ފުރަތަމަ ފެށުނީ." ހަސަން ވިދާޅުވިއެވެ.

14 ވަރަކަށް ގެސްޓްހައުސް އޮޕަރޭޓް ކުރާ ތޮއްޑޫގެ ގުދުރަތީ ރީތިކަން އިތުރަށް ފުރިހަމަ ކޮއްދެނީ އެރަށަށް ދާ މީހުންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ވާއުމަގު ކިޔާ، ރާއްޖޭގެ ގުދުރަތީ ރީތިކަން ފެނިގެންދާ ހަމަ އަސްލަށް ވެސް އެމަގު ފެނިފައި "ވާއޯ" އޭ ނުބުނެ ނުހުރެވޭތީއެވެ. މިއީ ދެފަރާތުގެ ރުއްތަށް އިންދާފައި އޮންނަ ހަނި ރީތި މަގެކެވެ. މި މަގަށްކިޔަނީ ވާވު މަގެވެ. މަޝްހޫރު ކަރާ ދަނޑުތައް ހިމެނޭ ސަރަހައްދުގައި އޮންނަ މި މަގަކީ ތޮއްޑޫއަށް ދާ ޓުއަރިސްޓުންގެ އިތުރުން ދިވެހިންގެ ތެރޭގައިވެސް ވަރަށް މަގުބޫލު މަގެކެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ