ޔޫރޮޕާ ލީގު ފައިނަލްގައި ރޭ އާސެނަލްއާއި ދެކޮޅަށް ކުޅުނު މެޗަކީ ޗެލްސީ ޖާޒީގައި ކުޅުނު ފަހު މެޗަށްވުމުގެ ފުރުޞތު ބޮޑުކަމަށް ޗެލްސީއަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ތަރި އެޑެން ހަޒާޑު ބުނެފިއެވެ.
މީގެ ހަތް އަހަރުކުރިން ފްރާންސްގެ ލިލްއިން ޗެލްސީއަށް ބަދަލުވި ހަޒާޑަކީ ޗެލްސީގެ ތާރީޚުވެސް ދުތް އެންމެ މޮޅު ކުޅުންތެރިޔާއެވެ. ޗެލްސީއާއެކު ހަ ޓްރޮޕީ އުފުލާލި ހަޒާޑް ވަނީ 352 މެޗު ކުޅެ، 110 ގޯލްވެސް ޖަހާފައެވެ. އޭގެ އިތުރުން އޭނާއަކީ އެޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާކަން އެކި ފަހަރު މަތިން ހަޒާޑް ވަނީ ދައްކާފައެވެ. އަންނަ ސީޒަނުގައި ހަޒާޑު ފެނިގެންދާނީ ރެއަލްމެޑްރިޑުންނެވެ. އަދި އޭނާ ގެންދަން މިހާރު ދެ ކްލަބުން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށްވެސް ގިނަ ރިޕޯޓްތައް ބުނެއެވެ.
ހަޒާޑުގެ ފަރާތުން ދެގޯލް ފެނިގެންދިޔަ ރޭގެ މެޗު ޗެލްސީ ކާމިޔާބުކުރީ ޗެލްސީންނެވެ. 4-1 ގެ ނަތީޖާއަކުން ނިމުނު އާސެނަލް ބަލިކޮށް ޔޫރޮޕާ ލީގު ޗެލްސީން ކާމިޔާބުކުރި އިރު މިއީ ޗެލްސީން މިމުބާރާތް ކާމިޔާބުކުރި ދެވަނަ ފަހަރުއެވެ. ޗެލްސީން ފުރަތަމަ ފަހަރަށް މިމުބާރާތް ކާމިޔާބުކުރީ 2013 ގައެވެ.

އަދި ތައްޓަކީ އަކީ 1999 ވަނަ އަހަރުގެ ތެރޭގައި ކޯޗިން ކެރިއަރު ފެށި ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ އަށް ކެރިއަރުގައި ލިބުނު ފުރަތަމަ ތައްޓެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި އާސެނަލްގެ ފަރާތުން ރަނގަޅުން ކުޅުމެއް ފެނިގެންދިޔައިރު ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.
އޮއެވަރު ބަދަލުވެގެން ދިޔައީ މެޗުގެ ދެވަނަ ހާފުއެވެ. ޗެލްސީން ދެވަނަ ހާފުގައި ފެއްޓީ ފުރަތަމަ ހާފާއި ޚިލާފަށް އެޓޭކިން ގޭމެކެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ހާފު ފައްޓާ ފުރަތަމަ ހަތަރު ވަނަ މިނަޓް ތެރޭގައި މެޗުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައެވެ. މިލަނޑު ޗެލްސީއަށް ކާމިޔާބުކޮށްދިނީ ކުރިން އާސެނަލްއަށް ކުޅުނު އޮލިވާ ޖިރޫޑެވެ. ޕަލްމިއޭރީ ނަގައިދިން ހުރަހަކުން ޖިރޫޑް ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ.
ޗެލްސީގެ ދެވަނަ ލަނޑު އޭގެ ދިހަމިނަޓްފަހުން ޕެޑްރޯގެ ފަރާތުން ފެނިގެން ދިޔައިރު މިއީ ހަޒާޑުގެ ހުރަހަކުން ޕެޑްރޯ ކާމިޔާބުކޮށްދިން ލަނޑެކެވެ. ރޭގެ ތައްޓާއެކު ޕްރިމިއާ ލީގު، ވޯލްޑްކަޕް، ޔޫރޯ، ޗެމްޕިއަންސް ލީގު އަދި ޔޫރޮޕާ ލީގު ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިއަކަށް ޕެޑްރޯވަނީ ވެގެން ގޮސްފައެވެ.

ޗެލްސީގެ ތިންވަނަ ލަނޑަކީ އާސެނަލްގެ އެއިންސްލީ މެއިޓްލަންޑް ނައިލްސް އޭރިއާ ތެރެއިން ޖިރޫޑަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއަކުން ހަޒާޑު ކާމިޔާބުކޮށްދިން ލަނޑެކެވެ.
އާސެނަލްގެ ހަމައެކަނި ލަނޑު މެޗުގެ 69 ވަނަ މިނަޓްގައި ޖަހައިދިނީ އަލެކްސް އިވޯބީއެވެ. އާސެނަލްގެ މިލަނޑާއެކު މާޔޫންކަންމަތީ އޮތް އާސެނަލްއަށް އާ ހިތްވަރެއް ލިބުނުނަމަވެސް އޭގެ ތިން މިނަޓް ފަހުން ހަޒާޑު އިތުރު ލަނޑެއްޖަހައި މުޅި އާސެނަލް މާޔޫސްކޮށްލިއެވެ.
ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ތިން އަހަރު ސެވިއްޔާ ގޮވައިގެން ހޯދި އާސެނަލްގެ ކޯޗު އުނާއި އެމެރީ އަށް މި މުބާރާތުގެ ޗެމްޕިއަންކަން ނުލިބުމުން އަންނަ އަހަރުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް އޮތް ހުރިހާ ދޮރެއް ބަންދުވީ އެވެ. އާސެނަލް މި ފަހަރުގެ އިނގިރޭސި ޕްރިމިއާ ލީގު ނިންމާލީ ފަސް ވަނައިގައެވެ.