ރެއަލްމެޑްރިޑް ދަށްވިއިރު، ހަޒާޑަށް އަނެއްކާވެސް އަނިޔާ ވެއްޖެ

ސްޕެނިޝް ލަލީގާ ރޭ އަލަވެސް އާއި ދެކޮޅަށް ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ރެއަލްމެޑްރިޑް ބަލިވިއިރު، އެކްލަބަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ތަރި އެޑެން ހަޒާޑަށް އަނެއްކާވެސް އަނިޔާ ވެއްޖެއެވެ.

ރެއަލްމެޑްރިޑްގެ ފަރާތުން ގިނަ ހަމަލާތަކެއް އުފައްދައި މޮޅު ކުޅުމެއް ދެއްކި ރޭގެ މެޗުގައި ރެއަލްމެޑްރިޑް ބަލިވެފައިވަނީ 1-2 ގެ ނަތީޖާ އަކުންނެވެ.

މެޗުގެ ވަރަށް ކުރީކޮޅު ލިބުނު ޕެނަލްޓީއަކުން އަލަވެސް ލީޑު ނެގިއެވެ. އޭރިއާތެރެއިން ޑިފެންޑަރ ނާޗޯ އަތުގައި ބޯޅަ ޖެހުމުން ލިބުނު މިޕެނަލްޓީ އަލަވެސްއަށް ކާމިޔާބުކޮށްދިނީ ލޫކަސް ޕެރޭޒްއެވެ. އަދި ފުރަތަމަ ހާފު ނިމެނ ދިހަ ވަރަކަށް މިނަޓަށް ވެފައި ވަނިކޮށް ލީޑު އިތުރަށް ފުޅާކުރާނެ ރަނުގެ ފުރުޞަތެއް އަލަވެސްއަށް ލިބުނެވެ. ކައުންޓަރ އެޓޭކެއްގައި ބޯޅައާއެކު އެކަނިމާއެކަނި އޭރިއާތެރެއަށް ވަދެ ކީޕަރު މަތިން ޗިޕެއް ޖަހަން އުޅެނިކޮށް ކޯޓުއާވަނީ ހުށިޔާރުކަމާއެކު އެ ބޯޅަ ދިފާޢުކޮށްފައެވެ.

ހަޒާޑަށް އަނިޔާވެގެން ބަދަލުކޮށްފައިވަނީ މެޗުގެ 28 ވަނަ މިނަޓްގައެވެ. އަނިޔާގެ ސަބަބުން ސީޒަންގެ ކުރީކޮޅުވެސް ނުކުޅެވުނު ހަޒާޑަށް ނޮވެމްބަރު މަހުގެ ކުރީކޮޅު ކޮވިޑަށް ޕޮޒިޓިވްވުމުގެ ކުރިން ރެއަލްމެޑަށް ތިން މެޗެއް ކުޅެދީފައިވެއެވެ. އުމުރުން 29 އަހަރުގެ ހަޒާޑު ޗެލްސީ ދޫކޮށް ރެއަލްމެޑްރިޑާއި ގުޅުނީ 2018 ވަނަ އަހަރުއެވެ. ނަމަވެސް އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ހަޒާޑު ރެއަލްމެޑްރިޑަށް ކުޅެދީފައިވަނީ އެންމެ 27 މެޗެވެ. އަދި ކާމިޔާބުކޮށްދެވިފައިވަނީ އެންމެ 3 ލަނޑެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ހަޒާޑުގެ އަނިޔާއާއި ބެހޭގޮތުން ކޯޗު ޒިދާން މާބޮޑު ތަފްޞީލެއް ދީފައިނުވިނަމަވެސް އެއީ އާދައިގެ އަނިޔާއެއްކަމަށް ހަޒާޑު ބުނެފައިވާކަމަށް ޒިދާން ބުންޏެވެ.

އަލަވެސްގެ ލަނޑަށްފަހު ނަތީޖާ ހަމަހަމަ ކުރުމަށް ރެއަލްމެޑްރިޑުން ގިނަ މަސައްކަތްތަކެއް ކުރިނަމަވެސް ހުރަހަކަށްވީ އަލަވެސް ކީޕަރު ޕަޗެކޯއެވެ. ރޭގެ މެޗުގައި ޕަޗެކޯވަނީ ރެއަލްމެޑްރިޑްގެ ގިނަ ހަމަލާތަކެއް ދިފާޢުކޮށްފައެވެ.

ދެވަނަށް ހާފު ފެއްޓުމާއެކު ރެއަލްމެޑްރިޑުން ކުރަމުން އައި މަސައްކަތް އިތުރަށް އުނދަގޫ ވެގެންދިޔައީ ކީޕަރު ކޯޓުއާއަށް ހެދުނު ގޯހަކުންނެވެ. ކޯޓުއާ ޑިފެންޑަރަށް ޖެއްސި ބޯޅައެއް ޖޯސެލު ކޮންޓްރޯލް ކުރުމަށްފަހު ހުހަށް އޮތް ގޯލްގެ ތެރެއަށް ފޮނުވާލައިގެން އަލަވެސްއަށް ލީޑު ފުޅާކޮށްދިނެވެ.

ރެއަލްމެޑްރިޑްގެ ހަމައެކަނި ލަނޑު މެޗުގެ 86 ވަނަ މިނަޓްގައި ކާމިޔާބުކޮށްދިނީ ކަސެމީރޯއެވެ.

މިއީ މިސީޒަންގެ ލަލީގާގައި ރެއަލްމެޑްރިޑް ބަލިވި ތިންވަނަ ފަހަރެވެ. މިބައްޔާއެކު ރެއަލްމެޑްރިޑް ތާވަލްގެ ހަތަރު ވަނާގައި އޮތީ ދިހަ މެޗުން ލިބުނު 17 ޕޮއިންޓާއެކުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ