ފަސޭޙަ މޮޅަކާއެކު އިންޓަރ މިލާން ޔޫރޮޕާ ލީގު ފައިނަލަށް

ފަސޭޙަ މޮޅަކާއެކު އިންޓަރ މިލާން ޔޫއެފާ ޔޫރޮޕާ ލީގު ފައިނަލަށް ދަތުރުކޮށްފިއެވެ.

ސެމީ ފައިނަލްގައި ރޭ ޝަކްތަރ ޑޮނެސްޓްއާއި ދެކޮޅަށް ކުޅުނު މެޗު އިންޓަރއިން ކާމިޔާބުކޮށްފައިވަނީ 5-0 ގެ ނަތީޖާއަކުންނެވެ.

އިންޓަރގެ ފަރާތުން ނުރައްކާތެރި މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އިންޓަރއަށް ލަނޑުތައް ޖަހާދީފައިވަނީ، މާޓިނޭޒްއާއި، އަމްބްރޯސިއޯގެ އިތުރުން ލުކާކޫއެވެ. މާޓިނޭޒް އަދި ލުކާކުވަނީ ރޭގެ މެޗުގައި ދެލަނޑު ޖަހާފައެވެ.

މާޓިނޭޒް ރޭގެ މެޗުގައި ކާމިޔާބުކުރި ދެލަނޑަކާއެކު މިސީޒަންގައި އިންޓަރ މިލާންއަށް އޭނާ ކާމިޔާބުކޮށްދިން ލަނޑުގެ އަދަދުވަނީ 21 އަށް އަރާފައެވެ. ޔޫރޮޕާ ލީގުގައި އެންމެ ފަހުން ކުޅުނު 10 މެޗުގައިވެސް ލުކާކޫ ލަނޑު ޖަހާފައިވާއިރު، ރޭ ޖެހި ދެލަނޑާއެކު މިސީޒަންގައި އޭނަ އިންޓަރ މިލާންއަށް 33 ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ.

މެޗުގެ 19 ވަނަ މިނަޓްގައި މާޓިނޭޒް ކާމިޔާބުކޮށްދިން އިންޓަރގެ ފުރަތަމަ ލަނޑާއެކު ލީޑު ނަގާފައިވަނިކޮށް ޝަކްތަރ ޑޮނެސްޓަށް ނަތީޖާ ހަމަހަމަކުރުމަށް ރަނުގެ ފުރުޞަތު ލިބިގެން ދިޔައެވެ. ނަމަވެސް ޖޫނިއާ މޮރައެސް ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ސީދާ ކީޕަރެވެ.

ބޮޑު ތަފާތަކުން އިންޓަރއިން ރޭގެ މެޗު ކާމިޔާބުކޮށްފައިވާއިރު، މިއީ ޔޫއެފާ ކަޕް އަދި ޔޫރޮޕާ ލީގު ސެމީގައި މިހާ ބޮޑު ތަފާތަކުން ޓީމެއް މޮޅުވި ފުރަތަމަ ފަހަރެވެ.

އެއް ޕޮއިންޓުގެ ފަރަގަކާއެކު މިސީޒަންގެ އިޓާލިއަން ސީރިއާ ގެއްލިފައިވާ އިންޓަރއަށް މިމޮޅާއެކު މިސީޒަންގައި ތައްޓެއް އުފުލުލާލުމުގެ ފުރުޞަތު ލިބިގެން ގޮސްފައިވާއިރު، އިންޓަރއިން އެންމެ ފަހުން ތައްޓެއް ކާމިޔާބުކޮށްފައިވަނީ 2011 ވަނަ އަހަރުގައެވެ.

މިމުބާރާތުގެ ފައިނަލްގައި އިންޓަރ ބައްދަލުކުރަން ޖެހޭނީ ސްޕެއިންގެ ސެވިއްޔާއާއެވެ. ފޯރިގަދަ މި ފައިނަލް މެޗު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ރޭ 12:00 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ