މާޅޮހު ޒުވާނުންގެ ކަންބޮޑުވުންތައް ކައުންސިލަށް!

ބ. މާޅޮހު ޒުވާނުން އެމީހުންގެ ކަންބޮޑުވުންތައް އެ ރަށު ކައުންސިލާއި ޙިއްސާކޮށްފިއެވެ.

މާޅޮހު ޒުވާނުންގެ ތެރެއިން ނަން ހާމަ ނުކުރުމަށް ބުނެ މި ނޫހާއި ވާހަކަ ދެއްކި މީހަކު ބުނެފައި ވަނީ އެރަށު ޒުވާނުން ކައުންސިލަށް ދާން ޖެހުނީ އެރަށު ކައުންސިލުން ރަށުގެ ކުޅިވަރަށް އެއްވެސް ކަމެއް ނުކޮށްދޭތީކަމަށެވެ.

"ބ އަތޮޅު މާޅޮހު ކައުންސިލް އިދާރާއިން ޒުވާނުންނަށް ފުޓުބޯޅަ އަދި ވޮލީ ބޯޅަ ހޯދަދޭށެ ކިޔާފައި ކައުންސިލް އިދާރާއަށް ދިޔައީ" އެ ޒުވާނާ ބުނެފައިވެއެވެ.

މި ނޫހާއި ވާހަކަ ދައްކަމުން އޭނާ ބުނި ގޮތުގައި އެރަށު ޒުވާނުން ފުޓްސެލް ކުޅެނީ އެންމެ ބޯޅައަކުންކަމަށާއި އެ ބޯޅަ ހަލާކުވުމުން ދެން ފުޓްސެލް ކުޅޭވޭނެ ގޮތެއް ނެތްކަމަށެވެ. އަދި ވޮލީ މިއަދާ ޖެހެންދެން ކުޅެމުން ދިޔައީ ޖަމިއްޔާއެއްގެ ބޯޅަތަކަކުންކަމަށާއި، މިހާރު އެ ބޯޅަތައް ހަލާކުވެފައި ހުރުމާއެކު، ޖަމިއްޔާގެ މާލީ ހާލަތު ހުރިގޮތުން އާ ބޯޅަ ހޯދައި ދެވެން ނެތްކަމަށެވެ.

"އަޅުގަނޑުމެންގެ ދާއިރާގެ މެމްބަރު ކައިރީވެސް ދަންނަވައިފިން. ނަމަވެސް އަދި މާބޮޑު ކުރިއެރުމެއް ނުލިބޭ" މާޅޮހު ޒުވާނުންގެ ކަންބޮޑުވުންތައް ކިޔައި ދެމުން އޭނާ ބުނެފައިވެއެވެ.

މާޅޮހުގެ ކައުންސިލްގެ އިދާރާއިން އިސްނަގައިގެން ޒުވާނުންނަށް އެއްވެސްކަހަލަ މުބާރާތެއް ރަށުގައި ނުބާއްވާތާ 10 ވަރަކަށް އަހަރު ވެއްޖެކަމުގައި އެ ރަށުން މި ނޫހާއި ވާހަކަ ދެއްވި މީހާ ބުނެފައިވެއެވެ. އެހެންކަމުން ޒުވާނުން ބޭނުން ވަނީ ރަށުގެ ކުޅިވަރަށް ކައުންސިލުން ކަމެއް ކޮށްދޭން ކަމުގައި އޭނާ ބުންޏެވެ.

"އަޅުގަނޑުމެން ޑިމާންޑް ކުރީ ފުޓްސެލް ބޯޅަ ހޯދައިދިނުން. ވޮލީ ބޯޅަ ހޯދައިދިނުން. ގޯލުގެ ދާގަނޑު ބަދަލުކޮށްދިނުން. ކައުންސިލުން ފުޓުބޯޅަ މުބާރާތެއް ބާއްވަދިނުމަށް." އޭނާ ބުނެފައިވެއެވެ.

އޭނާ އިތުރަށް ބުނެފައިވަނީ މިދިޔައަހަރު ވެސް ޒުވާނުން ކައުންސިލް މެންބަރުންނާ ބައްދަލުކޮށްފައިވާކަމަށާއި އަދި ކައުންސިލްގެ ޕްލޭންގައި ފުޓްބޯޅަ އަދި ވޮލީ ބޯޅަ ހޯދައިދިނުން ހުރިކަމަށް ކައުންސިލުން ބުނެފައިވާކަމަށެވެ. މީގެ އިތުރުން ކުޅިވަރުގެ ހަރަކާތްތައް އެކްޓިވިޓީ ކަލަންޑަރުގައި ހިމެނިފައި ހުރިކަމަށް އެރަށު ކައުންސިލުން މަޢުލޫމާތު ދީފައިވާކަމުގައި އޭނާ ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން މި ނޫހުން މާޅޮހު ކައުންސިލަށް ގުޅުމުން އެރަށު ކައުންސިލްގެ ރައީސް، ޢަބްދުﷲ ޝުޖާޢު ވިދާޅުވެފައި ވަނީ ކުޅިވަރު ހަރަކާތްތަކަކީ ކޮންމެހެން ރަށު ކައުންސިލުން ރާވާ ހިންގަންޖެހޭ ކަންތައްތަކެއް ނޫންކަމަށާއި އެކަމަކު މިދިޔަ ދުވަސްތަކުގައި މާޅޮހު ކައުންސިލުން ކުޅިވަރު ދަނޑުތައް ތަރައްގީ ކުރުމަށް ފުދޭވަރަކަށް މަސައްކަތް ކޮށްފައިވާނެކަމަށެވެ.

"ބެޑްމިންޓަން ކޯޓަކާއި ފުޓްސެލް ދަނޑުވެސް ނިންމާފައި ވާނެ." މާޅޮހު ކައުންސިލްގެ ރައީސް ޝުޖާޢު ވިދާޅުވިއެވެ.

ޝުޖާޢު އިތުރަށް ވިދާޅުވެފައި ވަނީ މިދިޔަ ދުވަސްތަކުގައި ވެސް ކައުންސިލުން ޒުވާނުންނަށް ބޯޅައާއި އެއްޗެހި ހޯދައިދީފައިވާނެކަމަށާއި، އަދި 2014 ވަނަ އަހަރު ފުޓްސެލް މުބާރާތެއްވެސް ބާއްވާފައިވާނެކަމަށެވެ. ނަމަވެސް އޭގެ ފަހުން ކައުންސިލުން އިސްވެ މުބާރާތެއް އިންތިޒާމް ނުކުރާކަމަށާއި، ނަމަވެސް މިދިޔަ ދުވަސްތަކުގައި ޖަމިއްޔާތަކުން ބާއްވާ މުބާރާތްތަކަށް ކައުންސިލުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވާނެކަމަށް ޝުޖާޢު ވިދާޅުވިއެވެ.

"މިއަހަރުވެސް ކައުންސިލުން ބޮޑު އީދުގައި 10 ވަރަކަށް ހާސް ރުފިޔާ ހަރަދުކޮށްފައިވާނެ." ޝުޖާޢު ވިދާޅުވިއެވެ.

ޝުޖާޢު އިތުރަށް ވިދާޅުވީ މިއަހަރަކީ ކޮވިޑް-19 ގެ ސަބަބުން ވަރަށް ދަތި އަހަރެއްކަމަށާއި ކައުންސިލްގެ އެކްޓިވިޓީ ކަލަންޑަރުގައި ހުރި ވަރަށް ގިނަ ކަންތައްތައް ހުރީ ހޯލްޑްވެފައިކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ