ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރާ ވެންޓިލޭޓަރތައް ގެނައުމުގެ މަސައްކަތުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ 11 މީހެއްގެ މައްޗަށް ދަޢުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލަ އަނބުރާ ފޮނުވާލައިފިއެވެ.
ޕީޖީ އޮފީހުން ބުނެފައިވަނީ މި މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައިވާ ކަމަށާއި އަދި މި މައްސަލައާއި ގުޅެ އިތުރު ތަފްސީލް މިއަދު ބާއްވާ ޕްރެސް ކޮންފަރެެންސް ގައި ދެއްވާނެ ކަމަށެވެ.
އޭސީސީ މީގެ ކުރިން ވިދާޅުވެފައިވަނީ، ންޓިލޭޓަރތައް ގެނައުމުގެ މަސައްކަތް ކުރަމުން ދިޔައީ އާންމު އުޞޫލުތަކާ ޚިލާފަށް ވަކި ބައެއްގެ އަތުން ކަމަށާއި މިގޮތުން ތަކެތި ނުލިބެނީސް އެޑްވާންސް ފައިސާ ދައްކާފައިވާ ކަމަށާއި، އަދި ވެންޓިލޭޓަރތައް ގެންނަން ޑުބާއީގެ ކުންފުންޏަކަށް ވެސް އެޑްވާންސްކޮށް ފައިސާ ދައްކާފައިވާކަމަށެވެ.
މި މައްސަލާގައި 11 ފަރާތެއްގެ މައްޗަށް ދަޢުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ 14 އޮކްޓޫބަރު 2020 ގައެވެ. އެކޮމިޝަނުން ވިދާޅުވާ ގޮތުގައި މި މައްސަލައިގެ ތަޙްޤީޤު އެކޮމިޝަނުން ފަށާފައި ވަނީ، ކޮމިޝަންގެ އަމިއްލަ އިސްނެގުމަށް 14 އެޕްރީލް 2020 ގައެވެ. އަދި މި މައްސަލައިގެ ތަޙްޤީޤު ނިންމާފައި ވަނީ 13 އޮކްޓޫބަރު 2020 ގައެވެ.
މި މައްސަލާގައި އޭސީސީއިން ދަޢުވާ ކުރުމަށް ފޮނުވާފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ:
- މިނިސްޓްރީ އޮފް ހެލްތުގެ ޑެޕިޔުޓީ މިނިސްޓަރ، ނިޝާމާ މުޙައްމަދު
- މިނިސްޓްރީ އޮފް ހެލްތުގެ ޑިރެކްޓަރ، ނައުޝާދު ޢަލީ
- މިނިސްޓްރީ އޮފް ހެލްތުގެ ބިޑް ކޮމިޓީގެ މެމްބަރު، އާމިނަތު ޝައުފާ
- މިނިސްޓްރީ އޮފް ހެލްތުގެ އެސިސްޓެންޓް ޑިރެކްޓަރ (ބިޑް ކޮމިޓީގެ މެމްބަރު)، ފާޠިމަތު ލިމްޔާ
- މިނިސްޓްރީ އޮފް ހެލްތުގެ ޑިރެކްޓަރ (ފައިނޭންސް އެގްޒެކްޓިވް) އަޙްމަދު އަސްލަމް
- މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން
- މިނިސްޓްރީ އޮފް ހެލްތްގެ ޑެޕިއުޓީ މިނިސްޓަރ، ޝިޔާމާ މުޙައްމަދު
- މިނިސްޓްރީ އޮފް ހެލްތުގެ ލީގަލް އޮފިސަރ، ޢަލީ ޝިހާމް
- މިނިސްޓްރީ އޮފް ހެލްތުގެ އެސިސްޓެންޓް ޑައިރެކްޓަރ ޢަބްދުﷲ ޙަފީޘް
- މިނިސްޓްރީ އޮފް ހެލްތުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ، ޙުސައިން ނިޔާޒް
- މިނިސްޓްރީ އޮފް ހެލްތުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޢަބްދުﷲ ޝަރީފް