ފޮޓޯ: ކުޅުދުއްފުށި އޮންލައިން

މުއާހަދާ، އާރުކޭސީ ގައި ރާއްޖެއިން ބައިވެރިވެއްޖެ

ދުނިޔޭގެ އެކި ގައުމުތަކުގައި ކަސްޓަމްސްގެ އިޖުރާއަތުތައް އެއްގޮތް ކުރުމާއި ގުޅޭ މުއާހަދާ، އިންޓަނޭޝަނަލް ކޮންވެންޝަން އޮން ދަ ސިމްޕްލިފިކޭޝަން އެންޑް ހާމަނައިޖޭޝަން އޮފް ކަސްޓަމްސް ޕްރޮސީޖަރސް ނުވަތަނަ ރިވައިޒްޑް ކިޔޯޓޯ ކޮންވެންޝަން (އާރުކޭސީ) ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

ރާއްޖެއިން މި މުއާހަދާގައި ބައިވެރިވި ކަމުގެ ލިޔުން، ބެލްޖިއަމްގެ ބްރެސަލްގައި ހުންނަ ދުނިޔެގެ ކަސްޓަމްސް ޖަމިއްޔާގެ (ޑަބްލިޔުސީއޯ) ގެ މައި އިދާރާއާއި އިއްޔެ ވަނީ ހަވާލުކޮށްފައެވެ. މ ިލިޔުން އެ ޖަމިއްޔާގެ ސެކްރެޓްރީ ޖެނެރަލް މރ. ކުނިއޯ މިކްރިއާގެ އަތްޕުޅަށް އެރުވީ ދިވެހިރާއްޖެއިން ބެލްޖިއަމަށް ކަނޑައަޅުއްވާފައި ހުންވާ ސަފީރު، އަލްފަޟިލް ޙުސަން ޝާބިރެވެ.

އާރުކޭސީ އަކީ ކޮބާ؟
އާރުކޭސީއަކީ ކަސްޓަމުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ މައިގަނޑު އަސާސްތަކާއި ސްޓޭންޑަރޑްތައް ބަޔާންކުރާ ދުނިޔޭގެ ކަސްޓަމްސް ޖަމުޢިއްޔާ (ޑަބްލިއުސީއޯ) ގެ މުޢާހަދާއެވެ. އާރުކޭސީގެ މަޤްޞަދަކީ، ދޭދޭ ޤައުމުތަކުގެ ކަސްޓަމްސްތަކުގެ އުސޫލުތަކާއި މިންގަނޑުތައް ވީހާވެސް އެއްގޮތްކޮން، ލުއިފަސޭހަކޮށް، ކަސްޓަމްސްގެ ކޮންޓްރޯލް ހަރުދަނާކުރެވޭނެ ގޮތުގެމަތިން ވިޔަފާރިއަށް ވީހާވެސް ބޮޑަން ލުއިފަސޭހަ ކޮށްދިނުމެވެ. ޑަބްލިއުސީއޯއިން އަންދާޒާކުރާ ގޮތުގައި، ދުނިޔޭގެ ވިޔަފާރީގެ %70 ހިނގަނީ އާރުކޭސީކޮންޓްރެކްޓިންގ ޤައުމުތަކުގެ މެދުގައެވެ. ދިވެހިރާއްޖެއަކީ މި ކޮންވެންޝަންގެ 124 ވަނަ ކޮންޓްރެކްޓިންގ ޕާޓީއެވެ.

އާރުކޭސީގައި ބައިވެރިވުމުން ލިބޭ ފައިދާއަކީ ކޮބާ؟
އާރުކޭސީގައި ބައިވެރިވުމުން އެ ޤައުމަކީ ބައިނަލްއަޤްވާމީ ކަސްޓަމްސް ސްޓޭންޑަރޑްތައް ބޭނުންކުރާ ޤައުމެއްގެ ގޮތުގައި ބަލައިގަނެއެވެ. މި މުއާހަދާއަކީ ބައިނަލްއަޤްވާމީ އެސްޓް ޕްރެކްޓިސްގެ ގޮތުގައި ނަގާކިޔާ މިންގަނޑެއް ކަމުގައިވާއިރު، މި މުޢާހަދާގައި ސޮއިކުރުމުގެ ސަބަބުން، ރާއްޖޭގެ ކަސްޓަމްސްގެ އުޞޫލުތައްވެސް ބިނާވެފައިވާނީ، އެހެން ޤައުމުތަކުގައިވެސް ބޭނުންކުރާ މިންގަނޑުތަކާ އެއްގޮތަށްކަމަށް ވެގެންދާނެއެވެ.

އާރުކޭސީގެ މިންގަނޑުތަކުގެ ތެރޭގައި، އައިޓީ ނިޒާމްތައް ފުޅާ ދާއިރާއެއްގައި ބޭނުންކުރުމާއި، ރިސްކް މެނޭޖްމެންޓް ޤާއިމްކުރުމާއި، ޕްރި-އެރައިވަލް އިންފޮމޭޝަން ފަދަ ނިޒާމްތަކުން ކަސްޓަމުން މުދާ ކްލިއަރ ކުރުމުގެ ވަގުތު ކުޑަވެގެން ދާނެއެވެ. އަވަހަށް މުދާ ކްލިއަރ ކުރެވުމަކީ ކަސްޓަމްސްއަށާއި ވިޔަފާރިވެރިންނަށް އިންތިހާއަށް ފައިދާވާނެ ކަމެކެވެ.

އާރުކޭސީގައި ބައިވެރިވުމަށް ނިންމާފައިވާ ޑަބްލިއުސީއޯގެ މެންބަރުންނަން، އެ ޤައުމެއްގެ ޤާބިލްކަން އިތުރުކުރުމަށް ޑަބްލިއުސީއޯއާއި، ބައިނަލްއަޤްވާމީ ޖަމާއަތްތަކުންނާއި އެހީތެރިވެދޭ އެހެން ޤައުމުތަކުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ. މިގޮތުން ވަޞީލަތްތައް ޤާއިމުކުރުމާއި، މުވައްޒަފުން ތަމްރީނުކުރުމާއި އަދި ފަންނީ ގޮތުން ލިބޭ އެހީތެރިކަން އިތުރުވެގެން ދާނެއެވެ.

އާރުކޭސީގެ ސްޓޭންޑަރޑެއް ކަމަށްވާ ކަސްޓަމްސް ބިޒްނަސް ޕާޓްނަރޝިޕް، ޓްރާންސްޕެރަންސީ، އެޕީލް ޕްރޮސީޖަރގެ ސަބަބުން، ދިވެހިރާއްޖެއަށް އަންނަ ފޮރިން އިންވެސްޓްމަންޓް އިތުރުކުރެވި، ވާދަވެރި އިޤްތިސާދަކަށް ވެގެންދާނެއެވެ. ވާލްޑް ބޭންކްއިން ހަދާފައިވާ ސަރވޭތަކުން ދައްކާގޮތުގައި، ޤައުމެއްގައި އިންވެސްޓް ކުރުމުގެ ކުރިން އިންވެސްޓަރުން ރިޢާޔަތްކުރާ މުހިންމު ކަންތައްތަކުގެ ތެރެއިން އެއްކަމަކީ، އެ ޤައުމެއްގައި ހަރުދަނާ އަދި ފަސޭހަ ބޯޑަރުގެ އުސޫލުތަކެއް ވޭތޯއެވެ.

ކަސްޓަމްސްގެ އުޞޫލުތަކާއި މިންގަނޑުތަކަކީ ދުނިޔޭގެ އެހެން ޤައުމުތަކާ އެއްގޮތަށް އެކަށައެޅިފައިވާ އުޞޫލްތަކަށްވާނަމަ، އިންވެސްޓަރުންގެ އިތުބާރު އިތުރުވެ، އިތުރު އިންވެސްޓްމެންޓްތައް އައުމަށް މަގުފަހިވެގެންދާނެއެވެ. އަދި މީގެ އިތުރުން، ދެފުއް ފެންނަ، ފަސޭހައިން ދޭހަވާ ކަސްޓަމްސް އުސޫލުތަކުގެ ސަބަބުން، މުވައްޒަފުންގެ ނަޒާހަތްތެރިކަން ހިފެހެއްޓި، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނެއެވެ. އަދި ހަމަ އެފަދައިން، ކަސްޓަމްސްގެ ތަންފީޒީ މަސައްކަތްތައް މިކަމުގެ ސަބަބުން ހަރުދަނާވެ، ދޮރޯށި ބެލެހެއްޓުމާއި ދައުލަތުގެ އާމްދަނީ ހިމާޔަތްކުރުމުގައި އިތުރު ކުރިއެރުން ލިބިގެންދާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ