ގެމަނަފުށީ ކޯޓުގެ އިސްމެޖިސްޓްރޭޓަށް ފިޔަވަޅު އަޅަން ނިންމައިފި

ގއ. ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އިބްރާޙިމް މުނީރުއާމެދު ސުލޫކީ ފިޔަވަޅު އެޅުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

އިމްރާޙިމް މުނީރުއާ މެދު ފިޔަވަޅު އެޅުމަށް ޖޭއެސްސީ އިން ނިންމާފައި މިވަނީ 2020 އޮކްޓޫބަރު 14 ވަނަ ދުވަހު ބޭއްވި އެކޮމިޝަންގެ75 ވަނަ ބައްދަލުވުމުގައެވެ.

އިބްރާޙިމް މުނީރުގެ މައްޗަށް ފިޔަވަޅު އެޅުމަށް ނިންމާފައި ވަނީ ގއ.ގެމަނަފުށީ ރުއްދޮށުގޭގެ މިލްކުވެރިކަން ސާބިތު ކުރުމަށް ހިންގި، ގއ.ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2018/P9C/37 ޤަޟިއްޔާގައި ޙުކުމްކުރި ގޮތާ ޚިލާފަށް، އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ސޮއިކޮށްފައި ވާތީއެވެ.

އެގޮތުން ގއ.ގެމަނަފުށީ ރުއްދޮށުގެއާއި އެންމެހާ އިމާރާތްތަކާއި ރުއްގަހުގެ މިލްކުވެރި ފަރާތަކީ ގއ.ގެމަނަފުށީ ރުއްދޮށުގޭ
އަލްމަރުޙޫމް ޙުސައިން މަނިކު ކަމަށް ބަޔާންކުރުމުގެ ބަދަލުގައި، ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުން ފެށިގެން
ޙުކުމާހަމައަށް ބަޔާންކޮށްފައިވަނީ ގއ.ގެމަނަފުށީ ރުއްދޮށުގޭ ޒައިދު ޙުސައިންގެ ނަންކަމަށް ޖޭއެސްސީއިން ވަނީ ވިދާޅުވެފައެވެ.

ޖޭއެސްސީ އިން ވިދާޅުވެފައި ވަނީ މިކަމަކީ ފާޅުކަން ބޮޑުކޮށް އެ ރިޕޯޓުގައި އޮތް ލިޔުމުގެ ކުށެއްކަމަކަށްވީއިރު އެކުށް ފާހަގަނުވެ އަދި އެކުށް ހުރިކަން ނޭނގި ރިޕޯޓުގައި ސޮއިކޮށް މައްސަލާގައި ހިމެނޭ ފަރާތްތަކަށް ރިޕޯޓު ދޫކުރުމަކީ، ގަސްތުގައި ކޮށްފައިވާ ކަމެއް ކަމުގައި ނުވިނަމަވެސް، އެ ކަމަކީ އިސްމެޖިސްޓްރޭޓް އިބްރާހީމް މުނީރު ފަރުވާކުޑަކުރުމުގެ ސަބަބުން ހިނގާފައިވާ ކަމެއްކަން ސާބިތުވާކަމަށެވެ.

އިސްމެޖިސްޓްރޭޓް އިބްރާހީމް މުނީރުގެ މި ޢަމަލަކީ، ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 32 ވަނަ މާއްދާގެ (ހ)ގެ (5) ވަނަ ނަންބަރާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ ނަންބަރު 2.4 އާއި، 3.1 އާއި، 6.4 އަދި 6.5 އާ ކަނޑައެޅިގެން ޚިލާފަށް ކޮށްފައިވާ ޢަމަލެކެވެ.

އެހެންކަމުން ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު)ގެ 1-32 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ ނަންބަރުގެ ދަށުން، އިސްމެޖިސްޓްރޭޓް އިބްރާހީމް މުނީރުއަށް ނަސޭހަތް ދިނުމާއެކު ޖޭއެސްސީން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެންގުމަށް، އެކޮމިޝަނުން ވަނީ ނިންމާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ