މިއަދު ކުރިޔަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ހާޟިރުކޮށް ސުވާލު ކުރަން ހުޅުވާލި ފުރުޞަރުގައި އިދިކޮޅު ޕީޕީއެމްގެ ނައިބު ލީޑަރު އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވަނީ މިނިސްޓަރ އިމްރާން އަށް ވަރުގަދަ5 ސުވާލެއް ކުރައްވާފައެވެ.
އެގޮތުން ކުރެއްވި އެއް ސުވާލު ފިޔަވައި ހުރިހާ ސުވާލުތަކަށް މިނިސްޓަރ އިމްރާން ވަނީ ފުރިހަމައަށް ޖަވާބު ދެއްވާފައެވެ. މިނިސްޓަރ އިމްރާން ޖަވާބު ދެއްވާފައި ނުވަނީ ރައީސް ނަޝީދަކީ ލާދީނިއްޔަތު ފަތުރަން ފިނުވާފައި ހުރި އެޖެންޓެއް ކަމަށް މިނިސްޓަރ އިމްރާން ކުރިން ވިދާޅުވެފައިވާ ވިދާޅުވުމާއި ގުޅިގެން ކުރެއްވި ސުވާލަށެވެ. އެސުވާލުގެ ޖަވާބު ރައީސް ނަޝީދަށް ލިބިލައްވާފައި ވާކަމަށާއި އެވާހަކަ ދޫކޮށްލާފައި ކުރިޔަށް ދެއްވިޔަށް އިޢުތިރާޒެއް ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވުމުން އެސުވާލަށް މިނިސްޓަރ އިމްރާން ޖަވާބު ދެއްވާފައި ނުވެއެވެ.
ޝިޔާމް ކުރެއްވި ފުރަތަމަ ސުވާލަކީ ޅ އަތޮޅުގައި ފްރޮންޓްލައިންގައި މަސައްކަތް ކުރެއްވި ފުލުހުންނަށް އަދިވެސް ފްރޮންޓްލައިން އެލަވަންސް ނުލިބޭ ވާހަކަ އަކީ ކިހާވަރެއްގެ ހަޤީގަތެއް ތޯއެވެ. މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ފްރޮންޓް ލައިން އެލަވަންސް މިހާރު ވާނީ ފުލުހުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކަށް ދެވިފައި ކަމަށާއި އެހެންނަމަވެސް ޅ އަތޮޅުގައި ތިއްބެވި ބޭފުޅުންނަށް ދެވިފައިވާކަމެއް ނުވަތަ ނޫން ކަމެއް ދަންނަވަން ނޭނގޭ ކަމަށެވެ.
ދެވަނަ ސުވާލަކަށް ޝިޔާމް ކުރައްވާފައިވަނީ ޕޮލްކޯ އަދި ސިފްކޯ ހިމެނޭގޮތަށް ހޯމް މިނިސްޓްރީގެ ޕްރޮޖެކްޓްތައް އަމިއްލަ މަސްލަހަތު ތަކެއް ހިމަނައިގެން ވަކި ކުންފުންޏަކަށް ދީގެން ފައިދާ ނަގަމުންދާ ކަމަށް އަޑުއިވޭ ކަމަށާއި އެއީ ކިހާވަރެއްގެ ހަޤީގަތެއް ތޯއެވެ. މިނިސްޓަރ އިމްރާން ވިދާޅުވީ ހިންގާ ޕްރޮޖެކްޓުތައް ވަކި ފަރާތަކަށް ދިނުމަކަށް މަސައްކަތް ކޮށްފައި ނުވާނެ ކަމަށާއި ވަކި ކުންފުންޏަކަށް ދީގެން އެމަނިކުފާނަށް އޭގެން ފައިދާއެއް ނުވާނެ ކަމަށެވެ. އަދި މިނިސްޓްރީގެ މާލީ ޒިންމާދާރުވެރިޔާ އެކަމަށް ހެކިވެ ވަޑައިގަންނަވާނެ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.
ތިން ވަނަ ސުވާލަކަށް ޝިޔާމް އައްސަވާފައިވަނީ 2015 ވަނަ އަހަރުގެ މޭޑޭގައި އިމްރާން ދެއްކެވި ވާހަކަފުޅަކާއި ގުޅުވައިގެންނެވެ. އެގޮތުން މޭޑޭގައި މަރާލާފައިވާ ނޫސްވެރިޔާ ރިލްވާންގެ މައްސަލައާއި ގުޅިގެން ހެކި ހުރިކަމަށް ކަރުދާސްތަކެއް ދައްކަވާފައި ވިދާޅުވި ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ރިލްވާންގެ މައްސަލާގައި ރައީސް ޔާމީންއާއި ގުޅުވައިގެން ރައީސް ޔާމީންގެ ބޮލުގައި ތުޙުމަތު ތަކެއް އަޅުވާފައި ވާކަމަށް ޝިޔާމް ވިދާޅުވިއެވެ. އެކަރުދާސްތައް މިހާރު ކޮބާތޯ އެއްސެވުމުން މިނިސްޓަރ އިމްރާން ވިދާޅުވީ ޕީޕީއެމްގެ ސަރުކާރުން އެމަނިކުފާނު ބަންދު ކުރެއްވި ކަމަށާއި ޕީޕީއެމްގެ ސަރުކާރުން އެމަނިކުފާނު އަތުގައި ހުރި ކަރުދާސްތައް ގެންގޮސްފައިވާކަމަށެވެ.
"އޭރުގަ ފުލުހުންގެ ތެރެއިން އެ ގެންދިޔަ ބައެއްގެ އަތުގައި އެއެއްޗެހި ވާންވާނެ. ދެން އަޅުގަނޑު ޖެހޭނީ އަނެއްކާވެސް ތަހްޤީގެއް ފަށަން އޭރުގަ ކޮން ފުލުހުންނެއްތޯ އަޅުގަނޑު ހައްޔަރު ކުރަން އައީ. ކޮން ބޭފުޅެއްތޯ އެ ގެންދިޔައީ. ދެން އަޅުގަނޑަށް އަދި އެ ތަޙްޤީގާއި ހަމަޔަށް ދެވޭ ވަރެއް ނުވޭ. އެޔަށްވުރެ މާގިނަ ތަޙްޤީގުތައް މިހާރުވެސް ކުރަން އެބަޖެހޭ. އެމްއެމްޕީއާރްސީގެ ތެރޭގައިވެސް ވަރަށް ބައިވަރު ތަޙްޤީގުތައް އެބަހުރި. އެހެންވީމާ އެ ތަޙްޤީގާ ހަމަޔަށްވެސް ގެންދެވޭނެ"
- ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ -
ހަތަރު ވަނަ ސުވާލަކަށް ކުރައްވާފައިވަނީ ރައީސް ނަޝީދަކީ ލާދީނިއްޔަތު ފަތުރަން ފޮނުއްވާފައިހުރި އެޖެންޓެއް ކަމަށް ކުރިން އިމްރާން ވިދާޅުވެފައި ވާތީވެ އެކަންތައް މިހާރު އޮތީ ކިހިނެއްތޯ އެވެ.
ރައީސް ޔާމީން އާއި ބައްދަލުކުރުމުގެ ފުރުޞަތު ޕާޓީގެ ބޭފުޅުންނަށް ނުލިބެނީ ކީއްވެތޯ ސުވާލު ކުރެއްވުމުން މިނިސްޓަރ އިމްރާން ވިދާޅުވީ ޖަލުގައި ތިބޭ ޤައިދީންނަށް ބައްދަލު ކުރެވޭނެ އުސޫލްތަކާއި ޤާނޫނުތައް އެބަހުރި ކަމަށެވެ. އެގޮތުން ގައިދީންނާއި ބައްދަލު ކުރެވޭ ފަރާތްތަލުގެ ތެރޭގައި ޕާޓީ ތަކުގެ ޕާޓީތަކުގެ ލީޑަރުންނަށް، ޕާޓީ ތަކުގެ ބޭފުޅުންނަށް ބައްދަލުކުމެއް އޭގެ ތެރޭގައި ކަނޑައެޅި ބަޔާންކޮށްފައި ނުވާކަމަށެވެ. މީގެ ކުރިން އެފަދަ ކަމެއް ހިނގިޔަސް އެއީ ގަވާއިދުގައި އޮވެގެން ހިނގާފައިވާ ކަމެއް ނޫން ކަމަށާއި ގަވާއިދުގެ ތެރެއިން ކަންކަން ކުރިޔަށް ގެންދިއުމަށް ބައްލަވާ ކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.




