ސިވިލް ސަރވިސްގެ މުވައްޒަފުން އޮފީހަށް ނުކުތުން މަނާކުރާނަމަ، 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހަޅަންވާނެ ކަމަށް، ސަރުކާރުގެ އޮފީސްތަކަށް އެ ކޮމިޝަނުން އަންގައިފިއެވެ.
އެ ކޮމިޝަނުން މިއަދު ނެރުނު ސަރކިއުލަރ ނޯޓުގައި ވިދާޅުވީ، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 258 ވަނަ މާއްދާގެ (ނ) ގައިވާ ޙާލަތްތަކުގައި މުވައްޒަފެއް އޮފީހަށް ނުކުތުން މަނާކުރިކަން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ކޮމިޝަނަށް ހުށަހަޅަންވާނެ ކަމަށެވެ.
ނަމަވެސް އެގޮތަށް އެ ގަވާއިދުގައި ބަޔާންކޮށްފައިވީ ނަމަވެސް، ބައެއް އިދާރާތަކުން އެފަދައިން އަމަލުކުރަމުން ނުދާކަން ފާހަގަކުރެވިފައިވާކަމަށް ކޮމިޝަނުން ވިދާޅުވިއެވެ.
އެގޮތުން ކުރިއަށްއޮތް ތަނުގައި މި ފަދަ ކަމެއް ތަކުރާރުނުވާނެ ފަދަ ގޮތަކަށް، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތަށް ހުރިހާ އިދާރާއަކުން ވެސް ޢަމަލުކުރެއްވުމަށް ސިވިލް ސަރވިސް ކޮމިޝަނުން އެދިފައިވެއެވެ.
މީގެ އިތުރުން އެ ކޮމިޝަނުން ވިދާޅުވީ، މުވައްޒަފު އޮފީހަށް ނުކުތުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފި ނަމަވެސް، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 261 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން އަމަލުކޮށް، އެ ކަން ވެސް ލަސްނުކޮށް މި ކޮމިޝަނަށް އެންގެވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ދަންނަވާކަމަށެވެ.
މީގެ އިތުރުން، މުވައްޒަފު އޮފީހަށް ނުކުތުން މަނާކުރިކަން އަންގާ ލިޔުން މި ކޮމިޝަނަށް ފޮނުވުމުގައި އިދާރާއިން އިހުމާލުވާ މުވައްޒަފުންނާމެދު ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ ތެރެއިން އަޅަންޖެހޭ އިޞްލާޙީ ފިޔަވަޅުތައް އިދާރާތަކުން ގަވާއިދުން އަޅުއްވަމުން ގެންދެވުމަށް ވެސް ދަންނަވާކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވިއެވެ.
								
											

