ވެރިރަށް މާލޭ ސަރަޙައްދުގައި ކޮވިޑް-19 ސީރޯސާރވޭލަންސް ދިރާސާއެއް ކުރަން ހަމަޖެހިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ، މިދިރާސާގެ ބޭނުމަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ތެރެއިން ކޯވިޑު-19ގެ ވައިރަސްއަށް ހުށައެޅިފައިވާމިންވަރު ބަލައި، މާލޭސަރަހައްދުގައި ކޯވިޑު-19 ފެތުރިފައިވާމިނަވަރު ބެލުންކަމަށާއި، އަދި މިދިރާސާއަށް މީހުން ހޮވާފައިވަނީ ގުރުއަތުން ކަމަށެވެ.
އަދި މިދިރާސާއަށް ބޭނުންވާ ޓެސްޓު ހަދާނީ 3 މިލިލީޓަރުގެ ލޭނަގައިގެންކަމަށާއި، ލޭނަގާނީ މިކަމަށް ތަމްރީނު ލިބިފައިވާ ޞިއްޙީދާއިރާގެ މީހުން. ލޭ ނެގުމުގައި ހުރިހާ ކަމެއް ބަހައްޓާނީ ޑަބްލިޔު.އެޗް.އޯގެ ސަލާމަތީ މިންގަޑާއި އެއްގޮތަށްކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.
މިޓެސްޓުކުރުމަށް މާލޭ ސަރަހައްދުގެ ބައެއްތަންނަތަނުގައި ސްޓޭޝަންތަކެއް ބެހެއްޓޭނެކަމަށާއި އެގޮތުން މި ސްޓޭޝަން ތައް ހުންނާނީ ކޮންމެ ދުވަހަކު (ހުކުރު ދުވަސް ފިޔަވާ) ހަވީރު 4 އަކުން ރޭގަނޑު 7 ކަށްކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.
އެގޮތުން ސްޓޭޝަންތައް ބެހެއްޓޭ ސަރަޙައްދުތައްކަމަށް އެޗްޕީއޭއިން ބުނީ؛
- މާލޭގައި: ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތް ސައެންސަސް އާއި ފެކަލްޓީ އޮފް އެޑިއުކޭޝަން ގައި.
- ހުޅުމާލޭގައި: ޖެމްސް ޕްރީސްކޫލް ގައި
- ވިލިމަލޭގއި: ވިލިމީލެ ހޮސްޕިޓަލް ގައި
- ބަލިހާލު ހުރިގޮތުން ޓެސްޓްކުރާތަނަށް ނާދެވޭ ހާލަތެއްގައި ހުރިނަމަ، ގެއަށް ގޮސް ސާމަޕަލް ނަގާދޭނެ.
މިދިރާސާގައި ބައިވެރިވާ މީހާގެ ނަތީޖާއިން އެމީހެއްގެ ހަށުގަޑުގައި މި ބައްޔަށް ހުށައެޅިފައިވޭތޯއާއި އެ ވައިރަސް އަށް ހަސިގަނޑުގައި ދިފާއީ ބަރު ހުރިތޯ އެނގޭއިރު، އެމީހެއްޖެ ނަތީޖާ އެމީހަކާ މެސެޖުން ހިއްސާކުރެވޭނެކަމަށްވެސް ވިދާޅުވިއިރު، މިދިރާސާގެ ނަތީޖާ ބޭނުންކުރާނީ ކޮވިޑު-19 އިން ސަލާމަތްވުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށްކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.
"މިދިރާސާ ހަދާ ފަރާތްތައްފިޔަވާ އެހެން އެއްވެސް ފަރާތަކަށް މިދިރާސާއަށް ޓަކައި ހޯދޭ އެއްވެސް މައުލޫމާތެއް ހާމަނުކުރެވޭނެ. މިދިރާސާގައި ބައިވެރިވެފައިވަނީ ކާކުކަން ހާމަވާފަދަ އެއްވެސް މައުލޫމާތެއް ދިރާސާގެ މައުލޫމާތު ހާމަކުރާއިރު ބޭނުން ނުކުރެވޭނެއެވެ. ނަމާއި، އެޑްރެސް ފަދަ ކާކުކަން އެގޭނޭފަދަ މަޢުލޫމާތު ބޭނުންކުރާނީ ނަތީޖާ އެމީހަކަށް ރައްދުކުރުމަށް. މިދިރާސާގައި ބައިވެރިކުރުމާމެދު އެއްވެސް އިއުތިރާޒެއް ނެތްނަމަ، ލޭނަގަންދާންޖެހޭނެ ދުވަސް ގަޑި ފޯނު މެސެޖަކުން އަންގާލަދޭނެ." އެޗްޕީއޭއިން ބުންޏެވެ.
މީގެއިތުރުން އެޗްޕީއޭއިން ބުނީ، މިދިރާސާގެ ނަތީޖާއާގުޅިގެން ބައިވެރިވިމީހާ އިތުރުކަމެއްކުރާކަށް ނުޖެހޭނެކަމަށާއި، އެއީ ނަތީޖާއިން އަންގާދެނީ މީގެކުރިން ކޮވިޑް19 ޖައްސާ ވައިރަސްއަށް ހުށައެޅިފައިވޭތޯކަމަށެވެ. އަދި މިވަގުތު ބަލި ހުރިތޯ މިޓެސްޓަކުން ނޭގޭނެކަމަށާއި، އެހެން ކަމުން އިތުރު ޓެސްޓްކުރުން ނުވަތަ ކަރަންޓީނު ވުން ފަދަ ކަމެއް މިޓެސްޓްގެ ނަތީޖާއާ ގުޅިގެން ކުރާކަށް ނުޖެހޭނެކަމަށްވެސް ބުންޏެވެ.
މިދިރާސާގެ ޖުމްލް 4098 ބައިވެރިން ހިމެނޭއިރު، ބައިވެރިންގެ އަދަދު ކަނޑައަޅާފައިވަނީ ދިރާސާގެ ނަތިޖާއަކީ ޞައްހަ ނަތީޖާއަކަށް ވުމަށް އެންމެ މަދުވެގެން ބޭނުންވާ މިންވަރު ބަލައިދެން އިލްމީދިރާސާތައްކުރާ ގޮތްތަކަށް ބިނާކޮށްކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.



