ބޮލީވޫޑުގެ މައްޝޫރު ފިލްމީ ބަތަލު ރިތިކް ރޯޝަންގެ މަންމަ ޕިންކީ ރޯޝަން ކޮވިޑް-19 އަށް ޕޮޒިޓިވުވެއްޖެއެވެ.
ކޮވިޑް-19 އަށް ޕިންކީ ރޯޝަން ޕޮޒިޓިވުވި ނަމަވެސް އޭނާގެ ކިބައިން ބަލީގެ އަލާމާތް ނުފެއްނަ ކަމަށާއި މިވަގުތު ޕިންކީ ރޯޝަންހުރީ ހޯމް އައިސޮލޭޝަންގައި ކަމަށް އިންޑިއާގެ ޚަބަރުފަތުރާ ވަސީލަތްތަކުން މައުލޫމާތު ދެއެވެ.
ޒޫމްޓީވީ އިން މައުލޫމާތު ދޭގޮތުގައި ޕިންކީ ރޯޝަން ކޮވިޑް-19 އަށް ޕޮޒިޓިވުވިތާ މިއަދަށް ހަފްތާއެއް ވެފައިވާއިރު އޭނާގެ އިތުރު ކޮވިޑް-19 ޓެސްޓެއް މިއަދު ކުރާނެއެވެ.
އަންނަ އާދިއްތަ ދުވަހު 66 އަހަރު ފުރޭ ޕިންކީ ރޯޝަންގެ އުފަންދުވަސް ހާއްސަ ގޮތެއްގައި ފާހަގަ ކުރުމަށް އާއިލާގެ ފަރާތުން ތައްޔާރުވަމުން އަންނަ ކަމަށްވެސް ޒޫމްޓީވީއިން މައުލޫމާތު ދެއެވެ.
އިންޑިއާއަކީ ކޮވިޑް-19 އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ އެއްގައުމެވެ. މިގޮތުން މިހާތަނަށް އެގައުމުން 7,727,289 މީހުންނަށްވަނީ ކޮވިޑް-19 ޖެހިފައެވެ. އަދި މިބަލީގައި 117,011 މީހުންވަނީ މަރުވެފައެވެ.



