ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ގއ.އަތޮޅު ވިލިނގިލީގެ ވަރަށް ގިނަ ގެތަކަށް ފެންވަދެއްޖެއެވެ.
ރަށުގައި ފެން ބޮޑުވުމުން އެހީތެރިކަން ފޯރުކޮށްދޭން އެރަށަށް ދަތުރު ކުރަމުން ދިޔަ ސިފައިންގެ ލޯންޗެއް އިންޖީން ހުއްޓިގެން ރަށަށް ނުދެވިފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށް ވިލިނގިލީ ކައުންސިލް އިން މީޑިއާއަށް ވާހަކަ ދައްކަމުންވަނީ ބުނެފައެވެ.
ނަމަވެސް ވަރަށް އަވަހަށް ސިފައިންގެ އިތުރު ލޯންޗެއް ވިލިނގިއްޔަށް އަންނާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ކައުންސިލް މެންބަރު ވިދާޅުވިއެވެ.
ބޯކޮށް ވާރޭވެހި، އެ ރަށުގައި ފެން ހިންދުމަށް ގާއިމްކޮށްފައިވާ ނިޒާމަށް އޮބި ނޯވެގެން ގޭގެއަށް ފެން ވަދެ ނަޖިސް ބޭރުވުން ފަދަ ކަންކަން މެދުވެރިވެފައިވާ ކަމަށްވެސް ކައުންސިލް މެންބަރު ވިދާޅުވިއެވެ.
"މިރަށުގައި ނަރުދަމާ ނިޒާމް ގާއިމް ކޮށްފައި ވަނީ ނަރުދަމާ ނިޒާމްގެ ޕަމްޕް ސްޓޭޝަން ތަކުން ރަށުގައި ބޮޑުވާ ފެން ވެސް ހިންދާ ގޮތަށް. ނަމަވެސް މެދު ނުކެނޑި ފަސް ގަޑިއެއްހާއިރު ވާރޭ ވެހުމުން ޕަމްޕްތަކުން ފެން ބޭރުކުރެވޭ ވަރެއް ނުވި. މިހާރު ނަރުދަމާއިން ނަޖިސް ވެސް ދަނީ ބޭރުވަމުން،" ކައުންސިލް މެންބަރު ވިދާޅުވި އެވެ.
މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ލ. އަދި ގއ. އަތޮޅުގެ ބައެއް ރައްތަަކުގައި ވަނީ ފެންބޮޑުވެފައެެވެ.
މެޓް އޮފީހުން ބުނީ މިރޭ އަދި މާދަމާ ހެނދުނުވެސް ލާމުއަތޮޅަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.