އައްޑޫ ސިޓީ ގަމުގައި ހިންގަމުން އަންނަ ފްލައިން ސްކޫލުގައި ކިޔަވަމުންދިޔަ ހަތަރު ދަރިވަރަކު ވަކިކޮށްފިއެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި މި ހަތަރު ދަރިވަރުން ވެސް ސްކޫލުން ވަކިކޮށްފައިވަނީ މިއަދު އެ ދަރިވަރުންނަށް ފޮނުވި މެއިލް އަކުންނެވެ. އަދި އައްޑޫ ފްލައިންގ ސްކޫލްގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވި ޕެޓިޝަނުގައި ސޮއިކުރި 86 ދަރިވަރުންގެ ތެރޭގައި މިހަތަރު ކުދިން ހިމެނޭކަންވެސް ފާހަގަކޮށްލެވެއެވެ.
މި ޕެޓިޝަނަކީ އައްޑޫ ސްކޫލްގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ކިޔެވުން ނުނިމި ދިގުލާ މައްސަލަ ވަނީ ބޮޑުވެ، ދަރިވަރުންނާއި، ދަރިވަރުންގެ ބެލެނިވެރިންނާއި އެ އެކަޑަމީގެ ސޫޓެންޑްޓް ޔޫނިއަން އިން އެ މައްސަލަ ފެންމަތިކޮށް ކަމައި ބެހޭ މުވައްސަސާތަކަށް ފޮނުވި ޕެޓިޝަންއެކެވެ.
އަދި ވަކި ކުރި ދަރިވަރުންގެ ތެރޭގައި އައްޑޫ ހިތަދޫ އަށް ނިސްބަތްވާ ދަރިވަރަކާއި، ގދ. ތިނަދޫއަށް ނިސްބަތްވާ ދަރިވަަރަކާއި، ގދ. ފިޔާރީއަށް ނިސްބަތްވާ ދަރިވަރަކު ހިމެނެއެެވެ.
އައްޑޫ ފްލައިންގ ސްކޫލްގެ މައްސަލަ ވަރަށް ބޮޑަށް ވަނީ ހޫނުވެފައެވެ. އަދި ފްލައިން ސްކޫލުން ހަތަރު ދަރިވަރަކު ވަކިކޮށްފައި މިވަނީ، އެ ސްކޫލަށް ފިޔަވަޅު އެޅުމަށް ނިންމާފައިވާކަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ހާމަކޮށްފައިވަނިކޮށެވެ.
މިކަމާ ގުޅޭގޮތުން ފްލައިން ސްކޫލުން ރަސްމީކޮށް އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.




